ގޯލްޑަން ފުޓްސަލް ޗެެލެންޖު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، ހއ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަތައް އެންމެ ފަހުގެ ޗެމްޕިއަން، ދިއްދޫ އާއި މާރަންދޫން ޖާގަ ހޯދައިފި އެވެ.
މިއަދުގެ މެޗުތަކަށް ނުކުތްއިރު، ހއ. އަތޮޅުން ސެމީ ޔަގީންވެފައި އޮތީ، ގްރޫޕް އޭ އިން ކެލާ އަށް އަދި ގްރޫޕް ބީން ވަށަފަރު އަށެވެ. މީގެ ތެރެއިން، ކެލާ އަށް ވަނީ ގްރޫޕްގެ އެއް ވަނަ ގެއްލިފަ އެވެ. އެއީ، އެ ޓީމު ކުޅުނު މެޗުން ބާރަށް އަތުން 3-2 އިން ބަލިވުމުންނެވެ.
ވަަށަފަރުން ވަނީ ކުޅުނު މެޗުގައި، އިހަވަންދޫ އަތުން 2-1 އިން މޮޅުވެ، އެއް ވަނަ ޔަގީންކޮށްފަ އެވެ. މާރަންދޫން ގްރޫޕް އޭގެ އެއް ވަނަ ހޯދީ 3-2 އިން ފިއްލަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި ދިއްދޫން ވަނީ އުތީމު އަތުން 3-0 އިން މޮޅުވެ، ސެމީގެ ޖާގަ ހޯދައިފަ އެވެ.

ވަށަފަރު ޓީމުގެ މާއި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
ކެލާ ކޮޅަށް ބާރަށުގެ ގޯލުތައް ޖެހީ މުހައްމަދު އައްފާން، އަހުމަދު ޝަޒީމް އަދި މުހައްމަދު މާއިޒް ޔޫސުފް އެވެ. މި މެޗުގައި ކެލާގެ ދެ ގޯލު ވެސް ދުރު ޕެނަލްޓީން ކާމިޔާބުކުރީ، އަހުމަދު ވަހީދު އެވެ. މާރަންދޫގެ ހުމައިދު ހުސެއިން ފުރަތަމަ ގޯލު ޖެހިއިރު، އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ގޯލްކީޕަރު، އަދުހަމް އަލީ އެވެ. އަދި ތިން ވަނަ ލަނޑު ޖެހީ، ހަމްދޫން އަބްދުލް ލަތީފް އެވެ. މި މެޗުގައި، ފިއްލަދޫގެ ދެ ގޯލު ވެސް ޖެހީ އާދަމް ރިލްވާން އެވެ.
މިއަދުގެ މެޗުގައި، ވަށަފަރުގެ ގޯލުތައް ޖެހީ އަބްރާހީމް އަތީގު ހަސަން (އިއްބެ) އާއި އަހުމަދު މާއިޝް ރަޝީދު އެވެ. މެޗުގައި އިހަވަންދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް ލަޔާން އެވެ. ދިއްދޫން ގޯލުތައް ޖެހީ، މުހައްމަދު ސަނާއު ދެ ގޯލާއި ހައިސަމް ރަޝީދު (ހައި) އެވެ.
ހއ. ސެމީގައި ދިއްދޫން މާރަންދޫއާ ކުޅޭއިރު، ވަށަފަރުން ބައްދަލުކުރާނީ ކެލާއާ އެެވެ.












