ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވެރި ރަށް މާލެއިން ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދަތުރުގައި ރ. އަތޮޅުގެ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުން ބުނީ ރ. އަތޮޅަށް އެމަނިކުފާނު ކުރައްވާ ދަތުރުގައި އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ރ. އަތޮޅުގައި ކުރިއަށް ގެންދާ ބައެއް ތަރައްގީގެ މަޝްރޫއުތައް މި ދަތުރުގައި ރައީސް މުއިއްޒު ފަށްޓަވައި ދެއްވައި، މަޝްރޫއުތަކުގެ ނިންމުން ވެސް ފާހަގަ ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލުތަކާއި ހަވާލުކޮށް، އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައި ދެއްވައި، އައިޑީކާޑު އަދި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ވެސް ރައީސް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ މި ދަތުރަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވާއިރު، އެމަނިކުފާނު އެނބުރި މާލެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.












