ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި ފަހަރުގެ ފުރަތަމަ ދެ މެޗުގައި ކ. މާފުށީގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ކުރިއެރުން ފާހަގަވެގެންދިޔަަ ކަމަށް އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) ބުނެފި އެވެ.
ކ. އަތޮޅުން މި ފަހަރު އެންމެ ވަރުގަދަކޮށް އޮތް ގްރޫޕް އޭގައި، މާފުށިން ފުރަތަަމަ މެޗުން ވަނީ އަތޮޅު ޗެމްޕިއަން، ގާފަރާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ފަހަތުން އަރައި، ދިއްފުށި އަތުން މޮޅުވީ 3-2 އިންނެވެ.
މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި، ކާށިދޫ އަތުން ބަލިވި މާފުށިން މި ފަަހަރު ވެސް މި ވަނީ ސެމީ ފައިނަލާ ގާތަށް ޖެހިލައިފަ އެވެ. އެ ޓީމު މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅޭނީ ހިންމަފުށްޓާ އެވެ. އެ ޓީމު ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
"ފުރަތަމަ ކަމަކަށް އަލްހަމްދުލިއްލާހި، (އެންމެ ވަރުގަދަ ދެ މެޗުން) އެއް މެޗު އެއްވަރުވެފައި އަނެއް މެޗުން މޮޅުމިވީ، އަނެއްހެން ގާތްގަނޑަކަށް ބުނަންޏާ (ދެ މެޗުން ވެސް) މޮޅެއް މި ލިބުނީ. މި ފަހަރުގެ ފުރަތަމަ މެޗު ވެސް ފެށީ މިދިޔަ ފަހަރު ސެމީން ބަލިވެފައި އޮތް ޓީމެއްގެ ގޮތުގައި. އެ ޓީމަށް ރެސްޕެކްޓް ކޮށްގެން ނުކުތީ،" މުއްކި ބުންޏެވެ.
މާފުށިން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ތައްޔާރުވީ، ކޯޗު އަހުމަދު ތޯހާއާ އެކު އެވެ. މާފުށީ ޓީމަކީ މި ފަހަރުގެ މުބާރާތުގައި އެންމެ އޮގަނައިޒްކޮށް ކުޅެމުން އަންނަ އެއް ޓީމެވެ. މުއްކި ވަނީ އެ ކަމުގެ ކްރެޑިޓް ކޯޗު ތޯހާ އަށް ދީފަ އެވެ.
"ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތޯހާ ކޯޗު، މި ޓީމު ބިލްޑް އަޕްވެފައި އޮތް ވަރު މި ފެންނަނީ. ފާހަގަކުރާނީ، މި ހުރިހާ ޓީމެއް ހަމަ އެވްރެޖްއޭ ބުނެވޭނީ. މުސްތަގުބަލު އެބައޮތް އިރާދަކުރެއްވިއްޔާ،" މުއްކި ބުންޏެވެ.
ކ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.












