ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ވ. އަތޮޅުގެ ފައިނަލުގައި ކެޔޮދޫ އާއި ފެލިދޫ ބައްދަލުކުރަން ޖެހުނުއިރު، ޅ. އަތޮޅުން ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ވ. އަތޮޅުން މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތިން ޓީމެއް ކުޅޭއިރު، ފުރަތަމަ މެޗުން ފެލިދޫ އަތުން ފުލިދޫ ބަލިވީ 1-0 އިންނެވެ. އަދި ރޭ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ކެޔޮދޫ އަތުން ފުލިދޫ ބަލިވީ 3-1 އިންނެވެ. މިއާ އެކު، ބާކީ މެޗެއް އޮއްވައި، ފެލިދޫ އާއި ކެޔޮދޫ އަށް ވަނީ ފައިނަލް ޔަގީންވެފަ އެވެ.
ކެޔޮދޫ އަށް ރޭގެ މެޗުގައި ތިން ގޯލު ވެސް ޖަހައިދިނީ، އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ފުލިދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ، ހުޝާމް އަބްދުﷲ އެވެ.
ޅ. އަތޮޅުން ރޭ ނައިފަރާއި ހިންނަވަރު ކުޅުނު މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. އަދި، ކުރެންދޫ އާއި އޮޅުވެލިފުށި ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.
ނައިފަރުގެ އިބްރާހިމް ޝަރީފް މުހައްމަދު (އިއްބެ) ހެޓްރިކެއް ހެދި މި މެޗުގައި އެ ޓީމުގެ އަނެއް ގޯލު ޖެހީ، މުހައްމަދު އިއުޖާޒް ހަސަން އެވެ. ހިންނަވަރުން ލަނޑުތައް ޖެހީ، މުހައްމަދު މައުރޫފް ހުސެއިން، ހުސެއިން މުހައްމަދު، އަހުމަދު ސުޖާއު އަލީ އަދި ނައިފަރުގެ މަޖުދާން ސޯލިހު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ކުރެންދޫގެ ލަނޑު ޖެހީ، ހުސެއިން ފާއިޒް އެވެ. އަދި އޮޅުވެލިފުށިން ގޯލު ކާމިޔާބުކުރީ އަބްދުﷲ ޝަކީލް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ ކުޅޭ މެޗުތައް:
16:00: ށ. ސެމީ ފައިނަލް: މިލަންދޫ - ނަރުދޫ
16:00: ށ. ސެމީ ފައިނަލް: ކަނޑިތީމު - ބިލެއްފަހި
17:00: ނ. ހޮޅުދޫ - ނ. މިލަދޫ
----------------------------------------
20:00: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ
21:00: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ
21:00: ގދ. ފިޔޯރީ - ގދ. ގައްދޫ
22:00: ސ. ހުޅުދޫ - ސ. ފޭދޫ
22:00: ސ. ހިތަދޫ - ސ. މީދޫ
23:00: ފ. ފީއަލި - ފ. ނިލަންދޫ
23:00: ފ. ބިލެއްދޫ - ފ. ދަރަނބޫދޫ












