ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އއ އަތޮޅު ސެމީ ފައިނަލް މެޗުން މޮޅުވެ، ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، މަތިވެރިން ތޮއްޑޫއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
މިއީ ތޮއްޑޫ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ތޮއްޑޫން ވަނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ރަނަރަޕް ބޮޑުފޮޅުދޫ އަތުން 5-3 އިން މޮޅުވެފަ އެވެ. މަތިވެރިން ސެމީ ފައިނަލުގައި ރަސްދޫ ބަލިކުރީ 3-0 އިންނެވެ.
މަތިވެރިން ލީޑުނެގީ ރަސްދޫގެ ކީޕަރު މުހައްމަދު ރާއިފް އަބްދުﷲ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި އަނެއް ދެ ގޯލު ޖެހީ، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު އަދި އަލީ އަލްސަން އެވެ.
ދެ ވަނަ ސެމީ ފައިނަލުގައި ތޮއްޑޫ އާއި ބޮޑުފޮޅުދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބޮޑުފޮޅުދޫގެ ލަނޑުތައް ޖެހީ ޖާދުﷲ އަހުމަދު އާއި މުހައްމަދު ޝިރުހާން އެވެ. ތޮއްޑޫ ޖެހި ގޯލުތައް ކާމިޔާބުކުރީ އަހުމަދު ޝަމީމް އާއި އަހުމަދު ޝާވިން މޫސާ އެވެ. ޕެނަލްޓީގައި ތޮއްޑޫން ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ޝާވިން، އަލީ އިޒްމީލް އަހުމަދު އަދި އިބްރާހިމް އުޝާމަތު އެވެ. ބޮޑުފޮޅުދޫ އަށް ކާމިޔާބުކުރެވުނީ ހުސެއިން ނަވާޒް ޖެހި ޕެނަލްޓީ އެކަންޏެވެ.

ރޭގެ މެޗަށް ފަހު ތޮއްޑޫ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
ތޮއްޑޫގެ ކޯޗު އަހުމަދު މުތުތަލާ (މުރޭ) ބުނީ މިއީ ދެ ހަފްތާއެއްހާ ދުވަސް ތެރޭ ތޮއްޑޫ ޓީމާ ހަވާލުވެ ކުރި މަސައްކަަތުގެ ނަތީޖާ ކަމަށެވެ. އަދި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ތޮއްޑޫ ދިއުމަކީ ވެސް ކާމިޔާބެއް ކަން ފާހަގަކޮށް މުރޭ ބުނީ، ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މަތިވެރިއާ ދެކޮޅަށް ނުކުންނާނީ ވެސް މެޗުން މޮޅުވާށެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ތޮއްޑޫ އަތުން މަތިވެރި ވަނީ 3-1 އިން މޮޅުވެފަ އެވެ. މި ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮތީ، އަންނަ ހުކުރު ދުވަހު ހަވީރު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދާއި މިރޭ ކުޅޭ މެޗުތައް:
16:00: ށ. ސެމީ ފައިނަލް: މިލަންދޫ - ނަރުދޫ
16:00: ށ. ސެމީ ފައިނަލް: ކަނޑިތީމު - ބިލެއްފަހި
17:00: ނ. ހޮޅުދޫ - ނ. މިލަދޫ
----------------------------------------
20:00: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ
21:00: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ
21:00: ގދ. ފިޔޯރީ - ގދ. ގައްދޫ
22:00: ސ. ހުޅުދޫ - ސ. ފޭދޫ
22:00: ސ. ހިތަދޫ - ސ. މީދޫ
23:00: ފ. ފީއަލި - ފ. ނިލަންދޫ
23:00: ފ. ބިލެއްދޫ - ފ. ދަރަނބޫދޫ












