ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރާއި ކުޅުންތެރިންގެ ލެވަލް ވެސް އަހަރަކަށް ފަހު އަހަރެއް ރަނގަޅުވަމުން އަންނާތީ މިހާރު މި މުބާރާތުގެ މެޗަކުން މޮޅުވުމަކީ ވެސް ފަސޭހަ ކަމެއްގެ ގޮތުގައި ނުނެގޭނެ ކަމަށް އޭދަފުށީ ޓީމުގެ މުުހައްމަދު ފާސިރު (ފާއްޓެ) ބުނެފި އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމެއް ވާދަކުރާއިރު، މިދިޔަ އަހަރަށް ވުރެ މި އަދަދު އިތުރެވެ. މިހާތަނަށް ގިނަ އަތޮޅުތަކެއްގެ މެޗުތައް ކުޅެފައިވާއިރު، ޓީމުތަކުގެ ލެވަލް ވެސް މިދިޔަ އަހަރަށް ވުރެ ފެންނަނީ ރަނގަޅުކޮށެވެ.
"އަހަރަކަށް ވުރެ އަހަރެއް ޓީމުތައް ވެސް މި އަންނަނީ ގިނަވަމުން، ޕްލަސް ޓީމުތަކުގެ ކުޅުން ވެސް މި އަންނަނީ ރަނގަޅުވަމުން. ދެން، އަހަރަކަށް ވުރެ އަހަރެއް ހުރިހާ ޓީމެއް ވެސް އަނެއްހެން މި އަންނަނީ އިމްޕްރޫވްކުރަމުން. ވަރަށް ރަނގަޅަށް މި މުބާރާތަށް ތައްޔާރުވެގެން މި އަންނަނީ. އަހަރަކަށް ވުރެ އަހަރެއް މީގަ (ގޯލްޑަން ފުޓްސަލް ޗެލެންޖުގައި) ވަރަށް ބުރަ މަސައްކަތްކޮށްގެން މެޗަކުން މޮޅުވެސް މި ވަނީ،" ބ. އަތޮޅުގެ ފުރަތަމަ މެޗުގައި، ތުޅާދޫ އަތުން 1-0 އިން އޭދަފުށި މޮޅުވި މެޗަށް ފަހު، ފާއްޓޭ ބުންޏެވެ.
މިދިިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި ފާއްޓޭ ބުނީ އަބަދުވެސް ވިސްނާ އެއް ކަމަކީ މުބާރާތެއްގެ ފުރަތަމަ މެޗު އުނދަގޫވާނެ ކަމަށެވެ.
"ހާއްސަކޮށް ކޮންމެ ވެސް ވަރެއްގެ ޗޭންޖްތަކާ އެއްކޮށް މި ފަހަރު ޓޯނަމަންޓަށް ނުކުތްއިރު ސައްޓު ވެސް އެންމެ ފިޓްކޮށެއް ނޫން ހުރީ، އެހެންވެ އޭނަ ވެސް ނުވެސް ފަށައި، ދެން، އިރާދަކުރެއްވިއްޔާ އަތޮޅު ބުރު ނިމޭއިރު އިންނާނީ ޓީމު އެއްކޮށް ހަމަޔަކަށް އެޅިފައި،" ފާއްޓޭ ބުންޏެވެ.
އޭދަފުށްޓަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއަށްދާން ބަލާއިރު، ދިމާވާ އެންމެ ބޮޑު ދައްޗަކީ، އަތޮޅު ބުރުގައި މަދު މެޗު ކުޅެން ޖެހުމެވެ. އެ ގޮތުން، މި ފަހަރު ވެސް ބ. އަތޮޅުގައި ވާދަކުރަނީ ތިން ޓީމު ކަމަށްވާއިރު، އެންމެ ގިނަ ވެގެން ވެސް އަތޮޅު ބުރުގައި ކުޅެން ލިބޭނީ ފައިނަލް މެޗު ހިމެނޭ ގޮތަށް ތިން މެޗެވެ.
"ކޮންމެ ފަހަރަކު ވެސް ދިމާވާ މައްސަލައެއް އަތޮޅު (ބުރުގައި) އަނެއް ހެން ބުނަންޏާ ޓަފް މެޗުތަކެއް ނުލިބި ޒޯން ބުރަށް ދިއުން އެއީ ކޮންމެ ފަހަރަކު ވެސް ދިމާވާ ވަރަށް ބޮޑު ޗެލެންޖެެއް. އެކަމަކު ވެސް ޕްރެކްޓިސް ތެރޭގައި ފުދޭ ވަރަކަށް މެޗުތަކާ އެއްޗެހި ކުޅެމުން މި ދަނީ. އެކަމަކު، ކޮންމެ ފަހަރަކު ވެސް އަތޮޅުގައި މަދު ޓީމުތަކެއް އިންނާތީ (ބައިވެރިވާތީ) އެ ޗެލެންޖު އާދޭ. އެހެން ނަމަވެސް، ޒޯންގައި ވެސް ރަނގަޅު މެޗުުތަކެއް ލިބި އެ ހިސާބުން ކުރިއަށް ދެވޭނެ ކަމަށް މި ބަލަނީ،" އަތޮޅު ބުރުގައި މެޗު މަދުވުމުގެ ކަންބޮޑުވުން ހިއްސާކުރަމުން ފާއްޓޭ ބުންޏެވެ.
އޭދަފުށިން ދެން ކުޅޭ މެޗުގައި މި މަހު 25 ގައި ނުކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ.












