ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ރޭ ކުޅުނު މ. އަތޮޅުން ރޭ ކުޅުނު ނަތީޖާ ނެރެން މުހިންމު ވަރުގަދަ މެޗުތައް އެއްވަރުވެ، އަތޮޅުގެ ސެމީ ފައިނަލުގެ ޖާގަތަކުގެ ފޯރިގަދަވެއްޖެ އެވެ.
އެ ގޮތުން، މ. އަތޮޅު ގްރޫޕް އެކެއްގައި، ދިއްގަރާއި މުލަކު ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި، މަޑުއްވަރީން ވަނީ 1-0 އިން ވޭވަށް ބަލިކޮށްފަ އެވެ. ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ދެ ވަނަ މެޗުގައި، ނާލާފުށިން މުލިއާ ދެކޮޅަށް ނުކުތް މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެެވެ.
މި ނަތީޖާތަކާ އެކު، ގްރޫޕް އޭގެ އެއް ވަނައިގައި އޮތް މުލަކާއި ދެ ވަނައިގައި އޮތް ދިއްގަރަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. މަޑުއްވަރީން ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. އަދި ފުލުގައި އޮތް ވޭވަށް ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ ކަޓައިފަ އެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕްގައި، މުލިން ދެ މެޗު ކުޅެ ނިމުނުއިރު، އޮތީ ދެ މެޗުން ވެސް އެއްވަރުވެ، ދެ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކޮޅުފުށްޓާއި ތިން ވަނައިގައި އޮތް ނާލާފުށްޓަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މި ގްރޫޕުން އަތޮޅު ސެމީ ފައިނަލުގެ ދެ ޖާގަ ކަނޑައެޅޭނީ ކޮޅުފުށްޓާއި ނާލާފުށި ކުޅޭ މެޗުންނެވެ.
ރޭ މަޑުއްވަރީން ވޭވަށް ބަލިކުރި މެޗުގައި ލަނޑު ޖެހީ ޔޫސުފް ޝަފީއު އެވެ. މުލަކުން ދިއްގަރު ކޮޅަށް ގޯލު ޖެހީ، ވިޝާހު ޝަރީފް އެެވެ. އަދި ދިއްގަރުގެ ލަނޑު ޖެހީ، މޫސާ ސަމީހު އަލީ އެވެ. މުއްޔާއި ނާލާފުށި ކުޅުނު މެޗުގައި ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ނުފެނުނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:
16:00: ބ. އޭދަފުށި - ބ. ތުޅާދޫ
17:00: ދ. ބަނޑިދޫ - ދ. މާއެނބޫދޫ
----------------------------------------
20:00: ހއ. ކެލާ - ހއ. ހޯރަފުށި
20:00: ހއ. ފިއްލަދޫ - ހއ. ބާރަށް
21:00: ހއ. އުތީމު - މުރައިދޫ
21:00: ހއ. އިހަވަންދޫ - ހއ. ދިއްދޫ
22:00: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
22:00: ހދ. ފިނޭ - ހދ. މަކުނުދޫ
23:00: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
23:00: ހދ. ނޮޅިވަރަން - ހދ. ކުމުންދޫ












