ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ފަހު، މަރަދޫފޭދޫން އަތޮޅު ސެމީގެ ފުރުސަތު ބޮޑުކުރިއިރު، ހިތަދޫން އަތޮޅު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އައްޑޫ ގްރޫޕް އޭގައި މަރަދޫފޭދޫ ކުޅުނު މެޗުން ވަނީ ހުޅުދޫއާ 1-1 އިން އެއްވަރުވެފަ އެވެ. އަދި ގްރޫޕް ބީގައި ރޭ މީދޫ އާއި މަރަދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެެެގެންނެވެ.
މަރަދޫފޭދޫން ރޭގެ މެޗުގައި ލަނޑު ޖެހީ، މުހައްމަދު ސަނީމް އެވެ. އަދި ހުޅުދޫން ގޯލު ޖެހީ، އަހުމަދު އަޒާން ޝަމްވީލް އެވެ.
މި ނަތީޖާއާ އެކު، ގްރޫޕް އޭގައި، މަރަދޫފޭދޫ ކުރީގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފޭދޫ އާއި ތިން ވަނައިގައި އޮތް ހުޅުދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މި ގްރޫޕްގެ ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން، ސެމީ ފައިނަލުގެ ޖާގަތައް ޔަގީންވާނެ އެވެ. ފަހު މެޗުގައި، ހުޅުދޫން ކުޅޭނީ ފޭދޫއާ އެވެ.
މަރަދޫ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އިބްރާހިމް ހޫދު އައްބާސް އާއި އަހުމަދު ތޮލާލް އެވެ. މީދޫގެ ލަނޑުތައް ޖެހީ، އަހުމަދު ސޮބާހު އާއި މުހައްމަދު ޒާލިފް ޒާހިރު އެވެ.
މި ނަތީޖާއާ އެކު، ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ހިތަދޫ އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވީ ނަމަވެސް، އެ ޓީމަށް ވަނީ ސެމީ ކަށަވަރުވެފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް މީދޫ އާއި ފުލުގައި އޮތް މަރަދޫ އަށް ޕޮއިންޓެއް ލިބިފައިވެ އެވެ. މި ގްރޫޕުން ސެމީގެ ޖާގަ ލިބޭ އަނެއް ޓީމެއް އެނގޭނީ، ހިތަދޫ އާއި މީދޫ ކުޅޭ މެޗުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:
16:00: ބ. އޭދަފުށި - ބ. ތުޅާދޫ
17:00: ދ. ބަނޑިދޫ - ދ. މާއެނބޫދޫ
----------------------------------------
20:00: ހއ. ކެލާ - ހއ. ހޯރަފުށި
20:00: ހއ. ފިއްލަދޫ - ހއ. ބާރަށް
21:00: ހއ. އުތީމު - މުރައިދޫ
21:00: ހއ. އިހަވަންދޫ - ހއ. ދިއްދޫ
22:00: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު
22:00: ހދ. ފިނޭ - ހދ. މަކުނުދޫ
23:00: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ
23:00: ހދ. ނޮޅިވަރަން - ހދ. ކުމުންދޫ












