ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، އއ. ބޮޑުފޮޅުދޫ އާއި އއ. ރަސްދޫ އަތޮޅު ބުުރުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އއ. އަތޮޅުން އަށް ޓީމެއް ވާދަކުރާއިރު ދެ ގްރޫޕަކަށް ޓީމުތައް ވަނީ ބެހިފަ އެވެ. އެ ގޮތުން، ގްރޫޕް ބީ އިން ބޮޑުފޮޅުދޫ އާއި ރަސްދޫ ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސެމީ ކަށަވަރުކޮށްފަ އެވެ. ބޮޑުފޮޅުދޫ އާއި ރަސްދޫ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އަނެއް ދެ ޓީމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
އިއްޔެ ހަވީރު ބޮޑުފޮޅުދޫން ވަނީ މާޅޮސް ކައިރިން 4-2 އިން މޮޅުވެފަ އެވެ. އަދި ރަސްދޫން ފެރިދޫ ބަލިކުރީ 5-1 އިންނެވެ.
މިދިޔަ އަހަރުގެ އަތޮޅު ރަނަރަޕް، ބޮޑުފޮޅުދޫ އަށް އިއްޔެގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޖާދުﷲ އަހުމަދު، އަލީ ޝަނީޒް އަދި ހުސައިން ނަވާޒް އެވެ. ދެން އެ ޓީމުން ޖެހި ގޯލަކީ، މާޅޮހުގެ އަލީ ޒިޔާން އަތުން ބައިކޮޅަށް ވަން ލަނޑެެކެވެ. މި މެޗުގައި މާޅޮހުގެ ލަނޑުތައް ޖެހީ އަހުމަދު އާރިފް އާއި އަލީ ފަލާހު އެވެ.
މި ފަހަރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ، ރަސްދޫގެ ލަނޑުތަކަށް ބަލާއިރު، ހަސަން ސުހައިލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދެން، ރަސްދޫ އަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ހޫދު އަހުމަދު، އަލީ މުސްތަފާ އަދި އިބްރާހީމް އާޒިމް އެވެ. މި މެޗުގައި ފެރިދޫން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ޝަމްއޫން އަހުމަދު އެވެ.

މަތިވެރި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
ޗެމްޕިއަން މަތިވެރި ސެމީ އާ ގާތަށް
އއ. އަތޮޅު ގްރޫޕް އޭގައި ވާދަކުރާ އެންމެފަހުގެ ޗެމްޕިއަން، މަތިވެރިން ވެސް ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އިއްޔެ މަތިވެރިން ވަނީ، އުކުޅަސް އަތުން 7-0 އިން މޮޅުވެފަ އެވެ. މަތިވެރިން ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައި، އެއް ވަނައިގައި އޮތްއިރު، ފަހު މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް އެ ޓީމަށް ސެމީ އަށް ދެވޭނެ އެވެ.
އުކުޅަހުގެ ޖިނާން ބިން އަބްދުލް އަޒީޒް ބިން ހުސައިން އަތުން ބައިކޮޅަށް ވަން ގޯލަކުން މަތިވެރިން ލީޑުނެގި މި މެޗުގައި އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ، ހައިޝަމް އަލީ، އަލީ އަލްސަން، އަޔާން ހަސަން ޝަރީފް، އަބްދުﷲ މިހާދު އަހުމަދު އަދި މުހައްމަދު ފާރިޝް އިބްރާހީމް އެވެ. މީގެ ތެރެއިން ހައިޝަމް ދެ ގޯލު ޖެހިއިރު، ބަދަލަކަށް ކުޅެން އަރައި 16 އަހަރުގެ އަޔާން މޮޅު ކުޅުމެއް ދެއްކި އެވެ.
އިއްޔެ ތޮއްޑޫން ވަނީ، އަލީ އިސްމާއިލް އަހުމަދު އާއި އާދަމް ޝާވިން މޫސާގެ ގޯލުތަކުން، ހިމަންދޫ 2-0 އިން ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުން މަތިވެރި އަތުން ބަލިވި ތޮއްޑޫ އަށް އިއްޔެ ލިބުނު އެ މޮޅާއެކު ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ތޮއްޑޫން ފަހު މެޗުގައި ކުޅޭނީ އުކުޅަސްއާ އެވެ. ހިމަންދޫން ފަހު މެޗުގައި ބައްދަލުކުރާނީ މަތިވެރިއާ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
20:00: ލ. މާވަށް - ލ. ގަން
20:00: ލ. މުންޑޫ - ލ. ކަލައިދޫ
21:00: މ. މުލައް - މ. ވޭވަށް
21:00: މ. މަޑުއްވަރީ - މ. ދިއްގަރު
22:00: ގއ. ދާންދޫ - ގ. ކަނޑުހުޅުދޫ
22:00: ގއ. ގެމަނަފުށި - ގއ. ނިލަންދޫ
23:00: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި
23:00: ގއ. މާމެންދޫ - ގއ. ވިލިނގިލި












