މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ގޯލު ޖަހައިގެން، މުބާރާތުގެ ރަން ބޫޓު ހޯދި ފ. ބިލެއްދޫ ޓީމުގެ، މުހައްމަދު ޒީދާން ޒުހުރީ މި ފަހަރުގެ މުބާރާތް ރަނގަޅަށް ފެށިއިރު، އޭނާގެ އަމިއްލަ ޓާގެޓަކީ ވެސް ރަށަށް މުބާރާތުގެ ތަށި ގެންދިއުން ކަމަށް ބުނެފި އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ޒީދާންގެ ވިދުން ގަދަ ފަހަރެކެެވެ. އޭނާ ވަނީ ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫން ހޯދިއިރު، އެ އަތޮޅުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުން މިދިޔަ އަހަރު ބިލެއްދޫ ކެޓީ ގަދަ 16 ބުރުގައި އއ. މަތިވެރި އަތުން ބަލިވެގެންނެވެ. ގަދަ 16 އިން ކެޓި ނަމަވެސް، 18 ގޯލު ޖެހި ޒީދާން ފަހަތަށް ޖައްސާލުމަށް ފަހު، ރަން ބޫޓު ހޯދޭނެ އިތުރު ކުޅުންތެރިއަކު ނެތެެވެ.
އެހެންކަމުން، ޒީދާން ވެފައިވަނީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މުބާރާތެއްގައި އެންމެ މަދުން މެޗު ކުޅެގެން ރަން ބޫޓު ހޯދި ކުޅުންތެރިޔާ އަށެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބިލެއްދޫން ކުޅުނު ފުރަތަމަ މެޗުގައި، ޒީދާންގެ ދެ ގޯލާ އެކު، އެ ޓީމުން ވަނީ ނިލަންދޫ އަތުން 3-2 އިން މޮޅުވެފަ އެވެ.
"މި ފަހަރު ނިލަންދޫ ވަރަށް ވަރުގަދަވާނެ ކަމަށް ބަލައިގެން ނުކުތީ މިދިޔަ ފަހަރު އަތޮޅު (ޗެމްޕިއަންކަން) ނެގުނީމަ، މި ފަަހަރު އަތޮޅު ހާޑްވާނެ ކަމަށް ބަލައިގެން ނުކުތީ،" ފުރަތަަމަ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ޒީދާން ބުންޏެވެ.
"މި ފަހަރު ޕާސަނަލް ޓާގެޓަކީ ހަމަަ ގޯލްޑަން ތަށި ރަށަށް ގެންދިއުން. އިރާދަކުރެއްވިއްޔާ، އެ ހަމަ ފުރަތަަމަ ޓާގެޓަކީ ބޮޑު،"
މިދިޔަ އަހަރު، ބިލެއްދޫން ފ. އަތޮޅު ތަށި ހޯދީ ފައިނަލުގައި، ދަރަނބޫދޫއާ ވާދަކޮށް ފޯރިގަދަ މެޗަކަށް ފަހު، 5-4 އިން މޮޅުވެގެންނެވެ.
ޒީދާން ބުނީ އަހަރުން އަހަރަށް ބަލާއިރު، ހުރިހާ ގޮތަކުން ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުރިއެރުން ފެންނަ ކަމަށެވެ.
"އަހަރުން އަހަަރަށް އަންނަ ބަދަލުތަކުގެ ތެރޭގައި، މިދިޔަ އަހަރަށް ވުރެ މި އަހަރުގެ (ގޯލްޑަން ފުޓްސަލް ޗެލެންޖުގެ) އިންތިޒާމީ ފެންވަރު ވެސް ރަނގަޅު ކަމަށް ފާހަގަކުރެވެނީ، އަހަރަކަށް ވުރެ އަހަރެއް މި ދަނީ ރަނގަޅު ވަމުން މުބާރާތް،" ޒީދާން ބުންޏެވެ.
ބިލެއްދޫން މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި، މާދަމާރޭ ބައްދަލުކުރާނީ، މަގޫދޫއާ އެވެ.












