ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ހދ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުތަކުން ނޮޅިވަރަން މޮޅުވިއިރު, ފިނޭ އާއި ނޮޅިވަރަންފަރު ކުޅުނު މެޗާއި ހަނިމާދޫ އާއި މަކުނުދޫ ބައްދަލުކުރި މެޗާއި އަދި ކުމުންދޫން ވައިކަރަދޫއާ ދެކޮޅަށް ކުޅުުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
އެ ގޮތުން ރޭގެ ފުރަތަމަ މެޗުގައި، ގްރޫޕް އޭގައި ނޮޅިވަރަންފަރު އާއި ފިނޭ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ.
މި ގްރޫޕްގައި، މަކުނުދޫ އާއި ހަނިމާދޫ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ހަނިމާދޫ އިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ހަނިމާދޫ އަށް ލީޑު ނަގާދިނީ ހުޒާމް އަބްދުލް ރަހީމް ޖެހި ގޯލުންނެވެ. އެކަމަކު، މެޗުގެ 14 ވަނަ މިނެޓުގައި މަކުނުދޫގެ ނުހާދު ފައުޒީ ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަނިމާދޫގެ މުހައްމަދު ހާލިދު ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މަކުނުދޫގެ ޒިދާން އަހުމަދު ޖެހި ގޯލުން ނަތީޖާ ހަމަހަމަވި އެވެ.
ގްރޫޕް ބީގައި، ނޮޅިވަރަން އާއި ނެއްލަދޫ ބައްދަލުކުރި މެޗު ނޮޅިވަރަން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ އަށް ވަނަ މިނެޓުގައި ނޮޅިވަރަމަށް ލީޑު ނަގައިދިނީ އަމްދާން އަލީ (އެންޑީ) ޖަހައިދިން ގޯޅުންނެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ނޮޅިވަރަން އަށް ލީޑު ފުޅާކޮށްދިނީ ހުސެއިން އީސަ ޖެހި ގޯލުންނެވެ.
މި އަތޮޅުގައި ކުމުންދޫ އާއި ވައިކަރަދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކުމުންދޫ އިންނެވެ. ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ ޝިނާން އިބްރާހީމް އެވެ. އެކަމަކު، މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ވައިކަރަދޫގެ އަބްދުالله މުހައްމަދު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
މިއަދާއި މިރޭ ކުޅޭ މެޗުތައް:
16:00: ރ. މަޑުއްވަރީ - ރ. އަލިފުށި
16:00: ރ. މީދޫ - ރ. އިނގުރައިދޫ
17:00: އދ. ކުނބުރުދޫ - އދ. ދަނގެތި
17:00: އދ. މަންދޫ - އދ. އޮމަދޫ
-------------------------------------
20:00: ތ. ދިޔަމިގިލި - ތ. ވިލުފުށި
20:00: ތ. އޮމަދޫ - ތ. ކިނބިދޫ
21:00: ތ. ގާދިއްފުށި - ތ. ހިރިލަންދޫ
21:00: ތ. ވޭމަންޑޫ - ތ. ބުރުނި
22:00: ށ. ކަނޑިތީމު - ށ. ފޭދޫ
22:00: ށ. މިލަންދޫ - ށ. މަރޮށި
23:00: ށ. ބިލެއްފަހި - ށ. ނަރުދޫ
23:00: ށ. ޅައިމަގު - ށ. ގޮއިދޫ












