ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ހއ. އަތޮޅުގެ ގްރޫޕް ސްޓޭޖު ދެ ވަނަ މެޗުތަކުގައި މާރަންދޫ، މުރައިދޫ އަދި ވަށަފަރުން މުހިންމު މޮޅެއް ހޯދައިފި އެވެ.
ރޭ ހއ. އަތޮޅުުގެ ފުރަތަމަ މެޗުގައި، ގްރޫޕް އޭގައި ހޯރަފުށިން ފިއްލަދޫއާ ދެކޮޅަށް ނުކުތްއިރު، މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ހޯރަފުށިންނެވެ. ދެ ވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ރައްޔާން ބިން އަބްދުالله އާމިރު އެވެ. އަދި އޭގެ މިނެޓެއް ފަހުން ރައްޔާން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު، ދެ ވަނަ ހާފުގެ ހަ ވަނަ މިނެޓުގައި ފިއްލަދޫގެ މުހައްމަދު ހުސާމް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަލީ ކާމިލް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި، މާރަންދޫ އިން ބާރަށް ބަލިކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ތިން ވަނަ މިނެޓުގައި އާދަމް ހަބީބް ޖެހި ގޯލުން މާރަންދޫ ލީޑު ނެގިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން ހުމައިދު ހަސަން ވަނީ ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

މުރައިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ހއ. އަތޮޅު ގްރޫޕް ބީގައި، އިހަވަންދޫގެ މައްޗަށް މުރައިދޫ އިން ކުރިހޯދީ 5-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ތިން ވަނަ މިނެޓުގައި އަބްދުالله ހިސާން ޖެހި ގޯލުން މުރައިދޫ އިން ލީޑު ނެގިއިރު، އޭގެ ދެ މިނެޓު ފަހުން އިޔާން އަހުމަދު ރަޝީދު ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު, މެޗުގެ ނުވަަވަނަ މިނެޓުގައި އިހަވަންދޫގެ އަހުމަދު ނައުޝާދު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މުރައިދޫގެ އިޔާން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އަދި ދެ ވަނަ ހާފުގައި، އައިރޫން އަހުމަދު ވަނީ އެ ޓީމަށް އިތުރު ގޯލެއް ޖަަހައިފަ އެވެ.
ދެ ވަނަ ހާފުގެ އަށް ވަނަ މިނެޓުގައި އިހަވަންދޫގެ އިބްރާހީމް ހާމިދު ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައި ހުއްޓައި ހާމިދު ވަނީ އިތުރު ގޯލެއް ވެސް ޖަހާފަ އެވެ. އެކަމަކު، މެޗުގެ ފަހު މިނެޓުގައި ހިސާން ވަނީ އަލުން މުރައިދޫ އަށް ލީޑު ފުޅާކޮށްދީ މެޗުން މޮޅު ކޮށްދީފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ވަށަފަރުން އެ އަތޮޅު ދިއްދޫގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވަށަފަރުގެ ތިން ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އިބްރާހީމް އަތީގު އެވެ. ދިއްދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝަނާއު ނަސީރު އަދި ހުސެއިން ޝިފާހު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
މިއަދާއި މިރޭ ކުޅޭ މެޗުތައް:
16:00: ރ. މަޑުއްވަރީ - ރ. އަލިފުށި
16:00: ރ. މީދޫ - ރ. އިނގުރައިދޫ
17:00: އދ. ކުނބުރުދޫ - އދ. ދަނގެތި
17:00: އދ. މަންދޫ - އދ. އޮމަދޫ
-------------------------------------
20:00: ތ. ދިޔަމިގިލި - ތ. ވިލުފުށި
20:00: ތ. އޮމަދޫ - ތ. ކިނބިދޫ
21:00: ތ. ގާދިއްފުށި - ތ. ހިރިލަންދޫ
21:00: ތ. ވޭމަންޑޫ - ތ. ބުރުނި
22:00: ށ. ކަނޑިތީމު - ށ. ފޭދޫ
22:00: ށ. މިލަންދޫ - ށ. މަރޮށި
23:00: ށ. ބިލެއްފަހި - ށ. ނަރުދޫ
23:00: ށ. ޅައިމަގު - ށ. ގޮއިދޫ












