މާފުށި ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް، އެކަމަކު ކަރެކްޝަނުން އެކަން ދޮގު ކުރޭ

މާފުށި ޖަލު

މާފުށި ޖަލު

މާފުށި ޖަލުގައި ގައިދީންތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަން ފެށި ނަމަވެސް، އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގުކޮށްފި އެވެ.

"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މާފުށި ޖަލުގައި އެންމެ ހައި ސެކިއުރިޓީ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިންގަން ފެށިތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން "އަދަދު" އަށް ވިދާޅުވީ ޖަލުގައި ގައިދީންތަކެއް ޖަލުން ދޭ ތަކެތި ނުކައި، އެމީހުން އަމިއްލައަށް ކާބޯތަކެތި ގަނެގެން ކައިބޮއެ ހަދަމުންދާ ކަމަށެވެ.

އެގޮތަށް އަމިއްލައަށް ކާބޯތަކެތި ގަނެގެން ކަނީ ކިތައް ގައިދީން ކަމެއް އަދި އެމީހުން ޖަލުން ދޭ ތަކެތި ނުކާން ފެށިތާވީ ކިހާ ދުވަހެއް ކަމެއް ޔުސްރީން ވިދާޅެއް ނުވެ އެވެ. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ހާލު ދެރަވާ ކަމަށް ބުނުމުން ފަރުވާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ގައިދީންތަކެއް އަޅުގަނޑުމެން ދޭ ކާއެއްޗެ ނުނަގަނީ. އެކަމަކު އެމީހުން ވިޔަފާރި އުސޫލުން ގަނެގެން އެއްކޮށްފައި ހުންނަ ކާއެއްޗެހި ކައިގެން ތިބެނީ. އެހެންވީމަކާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ނޫން އެއީ އަނެއްހެން. އެއްވެސް މީހަކު އެޑްމިޓެއް ނުކުރޭ. ދެ މީހަކު ވަރުދެރަވާ ވާހަކަ ބުނީމަ ގެންގޮސްފައި ޑޮކްޓާ ޗެކް ކޮށްފައި ބުނީ ވައިޓަލްސްއާ އެއްޗެހި ރަނގަޅޭ،" ޔުސްރީން ވިދާލުވި އެވެ.

ޔުސްރީން ވިދާޅުވީ ގައިދީން ޖަލުން ދޭ އެއްޗެހި ނުކާން ފެށި ޖަލުގެ ސެކިއުރިޓީއާ ގުޅިގެން އޮޕަރޭޝަނަށް ގެނައި ބަދަލުތަކާ ގުޅިގެން ކަމަށާއި ގައިދީންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާފުށީ ޖަލުގައި އޮންނަ އުސޫލުން އެތަނުގައި ތިބޭ ގައިދީންނަށް އާއިލާތަކަށް ކޮންމެ މަހަކު 2،000ރ. ފޮނުވެ އެވެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރު ގައިދީން ބޭނުންވާ ތަކެތި ފޯމެއް ފުރުމުން ވަކި ލިމިޓަކަށް ޖަލުން ފޯރުކޮށްދެ އެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނީ މާފުށީ ޖަލުގެ ޔުނިޓް 2 އަދި 4 ގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ބައެއް ގައިދީން ހާލު ދެރަވެ އެޑްމިޓް ކޮށްފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ގައިދީން ގެ އާއިލާތަކުން ހިއްސާކޮށްފައި ވަނިކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމާގުޅުން ހުރި ވީޑިއޯތަކެއް ވަނީ މި ޖަމިއްޔާއަށް ލިބިފައި،" އެ ޖަމިއްޔާއިން ބުންޏެވެ.

އަދި ގައިދީނަން ދިނުމަށް ގާނޫނާއި ގަވައިދުތަކުގައި ކަނޑައެޅިފައިވާ އެންމެހައި ހައްގުތަކެއް ކަށަވަރު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox