ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓުން މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރިކަން ފާހަގަ ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ ޑިސެމްބަރު 31، ގައި ނެރުނު ފޮރިން މިނިސްޓްރީގެ 2022 ގެ އޮޑިޓުގައި ބުނީ އެ އަހަރު މިނިސްޓްރީން މާލީ ހަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.
އަދި 2022 ގެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފޮރިން މިނިސްޓްރީގެ މާލީ ހަރަދުތައް ކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެހެނިހެން މާލީ ކަންކަން، މައިގަނޑު ގޮތެއްގައި، ހިންގައި ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް،" އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2022 ގައި އެ މިނިސްޓްރީއަށް 333.5 މިލިއަން ރުފިޔާ ލިބުނުއިރު، 285.5 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އަދި އެ އަހަރު ނިމުނުއިރު މިނިސްޓްރީގައި 17.6 މިލިއަން ރުފިޔާ ހުރިކަން ވެސް ރިޕޯޓުން އެނގެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ފޮރިން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އިތުރުން 2021 އަދި 2018 ގައި ހެދި އޮޑިޓުގައި ވެސް އެ މިނިސްޓްރީން ހަރަދުތައް ކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެ އެވެ.












