ހައްޖަށް މީހުން ގެންދާ އުސޫލު ބަދަލު ކުރަން ކެބިނެޓުގެ ލަފަޔާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އުސޫލު ބަދަލު ކުރަން ނިންމީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު، ހައްޖަށް ދިޔުމުގެ ދިގު އިންތިޒާރުގައި ތިބި ރައްޔިތުންނަށް ހައްލު ހޯދައި ދިނުމަށް ކަމަށެވެ.
އެމަނިކުފާނު އެ ނިންމެވުން ނިންމެވީ އިސްލާމިކް މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު އެވެ. .
އުސޫލަށް ގެންނަ ބަދަލުގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެ އެވެ.
ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭނަމަ އެ މީހެއް ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތްނަމަ އެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ސިއްހީ ހާލަތު ކަށަވަރުކުރާނީ، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށް ކަމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.
އުސޫލަށް ގެނައި އިތުރު ބަދަލުތައް:
އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
- ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުން.
- ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުން ކަމަށް ކަނޑައެޅުން.
ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވީ ނަމަވެސް، ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.













