އިންޑިއާގެ އެހީގައި ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނި ރިޕޯޓު އެ ގައުމުން ދޮގުކޮށްފި

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު މޯދީއާއެކު --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު މޯދީއާއެކު --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ޖާސޫސީ ވިންގު، ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށް މަސައްކަތްކުރި ކަމަށް ބުނެ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން ކުރި ރިޕޯޓަކީ ދޮގެއް ކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ބުނެފި އެވެ.

މިދިޔަ ހަފުތާ ވޮޝިންޓަން ޕޯސްޓުން އާންމުކުރި ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމާ ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރު ވައްޓާލަން ރޯއަށް "ޑިމޮކްރެެޓިކް ރިނުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ކަރުދާހެއް ހުށަހެޅީ އިދިކޮޅު އެމްޑީޕީން ކަމަށެވެ.

އިންޑިއާގެ ސަރުކާރުން މިކަމަށް ރައްދުދިނީ އިއްޔެ އެވެ. ކޮންމެ ހަފުތާއަކު އެ ގައުމުގެ ހާރިޖިއްޔާއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މި ރިޕޯޓު ސިފަކުރެއްވީ ޒާތީ ހަސަދައެއްގެ ގޮތުގަ އެވެ.

"[މި ރިޕޯޓުގެ ސަބަބުން] އެ ނޫސްވެރިޔާ އަދި ނޫހުންވެސް އިންޑިއާއާ މެދު ގެންގުޅޭ ހަސަދަވެރިކަމާއި ނަފްރަތު ފެނިގެންދޭ. އެ މީހުން މި ކަންކަން ކުރާ ގޮތުން އެކަމުގެ ހާއްސަ ތަރުތީބެއް ފެންނާނެ،" ޖައިސްވާލް ވިދާޅުވި އެވެ.

އެގޮތުން، މީގެކުރިން ރޯ އިން ޕާކިސްތާނާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގާ ކަމަށް ބުނެ ގެނެސްދިން ރިޕޯޓުތަކަކަށް ޖައިސްވާލް ވަނީ އިޝާރާތް ކުރައްވައިފަ އެވެ. ނަމަވެސް ރާއްޖެއާ ގުޅުވައި ޝާއިރުކުރި ރިޕޯޓާ ބެހޭ ގޮތުން އިތުރު ވާހަކައެއް އޭނާ ނުދައްކަވަ އެވެ.

މި ރިޕޯޓާ ގުޅިގެން ދިވެހި ސަރުކާރު، ވެރިކަންކުރާ ޕީއެންސީ، އަދި އިދިކޮޅު އެމްޑީޕީންވެސް މިހާތަނަށް ރަސްމީ ބަހެއް ނުބުނެ އެވެ. މި ނޫހުން ވާނީ ބަހެއް ހޯދަން މަސައްކަތްކޮށްފަ އެވެ.

ދިވެހި ސިޔާސީ ލީޑަރުންގެ ތެރެއިން ރިޕޯޓާ ގުޅުވާ މިހާތަނަށް ވާހަކަދައްކަވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައީސަކު މަގާމުން ދުރު ކުރަން އިންޑިއާއިން އެހީތެރި ނުވާނެ ކަމަށެވެ.

"އިންޑިއާއިން އެފަދަ ކަމަކަށް ދުވަހަކުވެސް އެއްބާރުލުމެއް ނުދޭނެ. އެ ގައުމުން އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއީދު ކުރޭ. ދުވަހަކު ވެސް ޝަރުތުތަކެއް ކަނޑައަޅާ ނޫޅޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން ރޭވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓު

ވޮޝިންޓަން ޕޯސްޓުން އާންމުކުރި ރިޕޯޓުގައި ބުނީ އެމްޑީޕީން ހުށަހެޅި ކަރުދާހުގައި އޮތީ މަޖިލިސް މެންބަރުންނާއި ސިފައިންނާއި ފުލުހުންނާއި ގޭންގުތަކުގެ ބައިވެރިވުމާ އެކީ ސަރުކާރު ވައްޓާލަން ހުށަހަޅާފައި ކަމަށެވެ. އެކަމަށް ބޭނުންވަނީ ހަ މިލިއަން ޑޮލަރު ކަމަަށް ވެސް ރޯއާ މުއާމަލާތްކުރި މީހުން ބުނެފައިވެ އެވެ. މި ފައިސާ ހަރަދުކުރަން ބޭނުންވީ ރިޝްވަތު ދިނުމަށާއި ގޭންގުތަކަށް ފައިސާ ދިނުމަށް ކަމަށް އެ ނޫހުން ބުންޏެވެ.

މިކަމުގައި އިންޑިއާގެ ބަޔަކާއެކީ މެދުވެރިއެއްގެ ރޯލު އަދާކުރި ކަމުގެ ބޮޑު ތުހުމަތެއް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމުގައިވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށެވެ. ޝަހީމްއަކީ ރޯއާ ގާތް މީހެއް ކަމަށް ބުނާއިރު, އީސަ ވަނީ މަޖިލިސް އިންތިހާބަށް ވެސް އިންޑިއާއިން ފައިސާ ހޯދާނެ ކަމުގެ ޔަގީންކަށް ދީފައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. ނަމަވެސް މިއިން އެއްވެސް ފަހަރެއްގައި އިންޑިއާއިން ފައިސާ ދީފައިވާ ކަމަކަށް ރިޕޯޓުގައި ނުބުނެ އެވެ.

މެންބަރުން ގަނެގެން ރައީސް މަގާމުން އަޒުލުުކުރަން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް ރައީސްއާ ހަމައަށް ދިޔުމުން އެކަން ހިނގާތައް ބައްލަވަން ނުހުންނަވާ، އޭރު މަޖިލީހުގައި ތިބި 11 މެންބަރުން ގަންނަން ކޮންމެ މެންބަރަކަށް ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރި ކަމަށް ރައީސްގެ ޕާޓީގެ ބަޔަކާ ހަވާލާދީ ރިޕޯޓުގައި ބުންޏެވެ. އަދި ޖެހިގެން އައި މަޖިލިސް އިންތިހާބު ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރުމާ އެކީ އެމްޑީޕީއާ ދުރުވެ, އިންޑިއާއިން އަވަސްވެގަތީ ގުޅުން ބަދަހިކުރަން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox