ރާއްޖޭގައި އެންމެ ފުޅާކޮށް ބާއްވާ ކުޅިވަރު ހަރަކާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތް ފެށުމުގެ ގޮތުން، މިރޭ، ހާއްސަ ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ އެންމެ ފަހުން ދެ މުބާރާތުގެ ޗެމްޕިއަނުން ކަމަށްވާ ބ. އޭދަފުށްޓާއި ލ. ގަމެވެ.
ގަމަަކީ މިދިޔަ އަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ޓީމެެވެ. ތިމަރަފުށި އަތުން 3-2 އިން މޮޅުވެ، ގަމުން ޗެރިޓީ ޝީލްޑް އުފުލާލިއިރު، ފައިނަލުގައި ތަށި ދިފާއުކުރަން ނުކުމެ، ބ. އޭދަފުށި އަތުން ވަނީ 4-2 އިން ބަލިވެފަ އެވެ.
މިއީ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން އެންމެ ފަހުގެ ޗެމްޕިއަނުންގެ މެދުގައި ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށި ކޮންސެޕްޓް ވުޖޫދުކުރި ފަހުން، ކުޅޭނެ ތިން ވަނަ ޗެރިޓީ ޝީލްޑް މެޗެވެ. މީގެ ކުރިން، 2016 ވަނަ އަހަރު އައިލެންޑާސް ކަޕްގެ ޗެމްޕިއަނާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން މެދުގައި ޝީލްޑް މެޗެއް ކުޅެގެން ތިމަރަފުށި ވަނީ ކާމިޔާބުކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް އިން ހާއްސަ ޗެރިޓީ ޝީލްޑް މެޗެއް ކުޅެން ފެށީ 2023 ވަނަ އަހަރު އެވެ. އެ ފަހަރު، ކ. ގާފަރުން ވަނީ 3-0 އިން ތ.ތިމަރަފުށި ބަލިކޮށްފަ އެެވެ. އޭގެ ފަހުން، ގަމުން ވަނީ ތިމަރަފުށި ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ.
މިދިޔަ އަހަރު، ޗެރިޓީ ޝީލްޑް މެޗުން، މޮޅުވި ގަމަށް ލިބުނު 25،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ. މި ފައިސާ ފަލަސްތީނާ ހަމައަށް ފޯރުކޮށްދޭން ހަވާލުކުރީ، "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)"އާ އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ގަމާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ
ގަމާއި އޭދަފުށީގެ ތައްޔާރީތައް
މި ފަހަރުގެ މުބާރާތަށް ގަން ނުކުންނައިރު، ކުރިއެކޭ އެއްގޮތަށް އެ ޓީމުގެ ކޯޗަކަށް ހުރީ އިސްމާއިލް ޝަރީފް (އިއްސެ) އެވެ. އެކަމަކު އެ ޓީމަށް ލިބޭނެ އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރަނީ، މިދިިޔަ އަހަރުތަކުގައި އެ ޓީމުގައި މުހިންމު ރޯލެއް އަދާކުރި ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ކަކުލަށް ލިބުނު އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުންނަން ޖެހުމެވެ.
ގަމުގެ ކޯޗު އިއްސެ ހުރީ އޮންލީ ނެތުމުގެ މާޔޫސްކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ޓީމަށް އިތުރުވި ޒުވާން ކުޅުންތެރިންނާއި ޖުމްލަކޮށް މުޅި ސްކޮޑު ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ފަހު ކާމިޔާބީ ހޯދަން އަޒުމު ކަނޑައަޅައިގެންނެވެ.
މިދިޔަ އަަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި އޭދަފުށި އަތުން ބަލިވުމުން އެކަމުގެ ބަދަލުހިފުމުގެ ރޫހަށް ވުރެ، ގަމުން ޓީމެއްގެ ގޮތުގައި ކޮންފިޑެންސާ އެކު ކުރިއަށްދާން ބޭނުންވަނީ މި ފަހަރުގެ މުބާރާތް ކާމިޔާބު ފަހަރަަކަށް ހެދުމަސް ކަމަށް ވެސް އިއްސެގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
ގަމުގެ ހުރިހާ ފޯކަސް އެއް މި ވަގުތު ހުރީ، މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެެލެންޖް ތަށި ދިފާއު ނުކުރެވުނު ކަމުގައި ވިޔަސް، އެކަން ސިކުނޑިން ފޮހެލައި، ޗެރިޓީ ޝީލްޑް ދިފާއުކުރުމަށެވެ.
މިދިޔަ އަހަރު އޭދަފުށީ ޓީމަށް ބެންޗުގައި އިނދެ އިރުޝާދު ދިނުމުގެ ފުރުސަތު އެ ޓީމުގެ ކޯޗިންގައި މަސައްކަތްކުރި، ތަޖުރިބާކާރު ފުޓްސަލް ކޯޗު، އަބްދުﷲ ނަސީރު (އަބޯ) އަށް ނުލިބުނީ، އެހެން ޓީމެއްގެ ލިސްޓުގައި ރަޖިސްޓްރީ ކޮށްފައި އިނުމުންނެވެ. އެކަމަކު، މި ފަަހަރު އަބޯ ރަސްމީކޮށް އޭދަފުށީގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާއިރު، އޭނާ ޓީމުގެ ޕްރެކްޓިސްތަކާ ގުޅުނީ، ދާދި ފަހުން އުމުރާގެ އަޅުކަން ފުރިހަމަކުރުމަށް ފަހު އައިސް އެވެ.
އޭދަފުށީގައި ޓީމެއް ބިނާކުރުމުގެ މަސައްކަތް އަބޯ ވަނީ އެ ރަށުގައި ކުރިއަށްދިޔަ ފުޓްސަލް މުބާރާތްތަކުގައި ކޮށްފަ އެވެ. އަދި، މިދިޔަ އަހަރަކީ އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖާއި ގޯލްޑް ކަޕް ތަށި ކާމިޔާބު އަހަރަކަށްވާއިރު، އެ ކާމިޔާބީ ތަކުރާރުކުރުމުގެ ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އެ ޓީމަށް އޮންނާނެ އެވެ. އެކަމަކު، އަބޯ ވިސްނައިގެން ހުރި، އޯވަ ކޮންފިޑެންސްނުުވެ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދުމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުޅުން ނެތް ވަގުތަކާ ގޯލްޑަން ފުޓްސަލް ޗެލެންޖް ދިމާވުމުން، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން އޭދަފުށީ ޓީމުގައި ހިމެނި ތަފާތު ދެއްކި އެވެ. ހާއްސަކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ހިމެނޭ އޭދަފުށީ ކުޅުންތެރިންނެވެ. އެކަމަކު، މިރޭގެ ޗެރިޓީ ޝީލްޑް މެޗުގައި އެ ކުޅުންތެރިން ކުޅެން ބޭނުންވާ ރިލީސްއާ މެދު އަދި ގޮތެއް ނިމިފައިނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި ހުންނަ ދެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަަހަރު ވެސް 129 ޓީމެއް ވާދަކުރާއިރު، 300 އަށް ވުރެ ގިނަ މެޗު ކުޅެވިގެންދާނެ އެވެ. މުބާރާތް މި މަހު ހަ ވަނަ ދުވަހު ފެށޭއިރު، ހާއްސަ ރަސްމިއްޔާތަކާ އެކު، ޗެރިޓީ ޝީލްޑް މެޗުގެ ކަންކަން ފަށާނީ މިރޭ 20:30 ގަ އެވެ.












