މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށް ވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށް ފަހު ކަމަށް މޫސުމާ ބަހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ފަހު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރާގައި މެދުރާއްޖޭގެ އަތޮޅުތަކަށް ދަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. ވެރިރަށް މާލެއަށް މިއަދުވެސް ދަނީ މެދުކެނޑުމެއްނެތި ވިއްސާރަކުރަމުންނެވެ.
މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަދެއްކި މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހާ ހަމައަށް މިހާރު ކުރަމުންދާ ވިއްސާ ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅު ވާން ފަށާނީ އާދިއްތައިން ފެށިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މޫސުން ގޯސްވުމުގެ ކުރިން އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މޫސުން ގޯސްވާނީ ސްރީ ލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.
މި ވަގުތު ވެސް މެޓުން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޮޑު ދެ ވައިޓް އެލާޓެއް ނެރެފަ އެވެ. އެގޮތުން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އެލާޓު ނެރެފަ އެވެ.

ބާރަށް ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެލާޓު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އެންމެ ދެކުނަށެވެ. މި ދެ އެލާޓު ވެސް ނެރެފައިވަނީ ހަވީރު 5:30 އާ ހަމައަށެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވެފައިވެ އެވެ. ނަމަވެސް ވިއްސާރާގައި ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.













