ދިވެހި ޔޫތު ލީގަކީ ފުޓްބޯޅައިގެ ޖީލުތަކަކަށް ކޮށައިދޭ މަގެއް

Dec 28, 2024, 9:48 AM
ދިވެހި ޔޫތު ލީގަކީ ފުޓްބޯޅައިގެ ޖީލުތަކަކަށް ކޮށައިދޭ މަގެއް

މިހާރު ކުރިއަށްދާ ދިވެހި ޔޫތު ލީގަކީ ރާއްޖޭގެ ފުޓްބޯޅައިގެ އަންނަން އޮތް ޖީލުތަކަކަށް ކޮށައިދޭ މަގެއް ކަމަށް މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ ދިވެހި ޔޫތު ލިގަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިގެން، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ މުބާރާތެކެވެ.

ދިވެހި ޔޫތު ލީގު ކުރިއަށްދާނީ އަށް ކްލަބެއްގެ މެދުގައި، ތިން އުމުރުފުރާ ކެޓަގަރީ އަކުންނެވެ. އެއީ، 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށަށެވެ. ބައިވެރިވެފައިވާ ކްލަބްތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އެވެ.

މުބާރާތުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތަކީ، 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން، އަކޫ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ ދެކޭގޮތުގައި ޔޫތު ލީގަކީ "ކޮންމެ ހެން ވެސް އޮންނަން ޖެހޭ" ވަރަށް މުހިންމު ލީގެއް ކަމަށެވެ.

އަކޫ ފާހަގަކުރި ގޮތުގައި، މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ހުނަރު ދައްކާލަން މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބޭ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑު ކަމަށެެވެ.

"ވަރަށް ގިނަ ޕޭރެންޓުން ވެސް މި ކަމާ އަޅުގަނޑުމެންނާ ކަންބޮޑުވުން ފާޅުކޮށްފައިވޭ، ދިވެހި ޔޫތު ލީގު މި ގޮތަށް ކުރިއަށް ގެންދިއުމަކީ އެ ކުދިންނަށް އެ ކުދިންގެ ހުނަރު ދައްކާލަން އެ ކުދިން ކުރިއެރުވުމަށް ވެސް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް،"

ޔޫތު ލީގުގެ މެޗެއް ފެށުމުގެ ކުރިން އަކޫ ކުޅުންތެރިންނާ ސަލާމްކުރަނީ.--- ފޮޓޯ: ދިވެހި ޔޫތު ލީގު

"އަޅުގަނޑުމެން ކުރިއަށް އޮތްތަނަށް ވިސްނަން ޖެހިފައި މި އޮތީ މިހާރު އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ހާލަތު އޮތް ހިސާބުން، އިތުރު ހަރުފަތަކަށް އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވެއްޖިއްޔާ އެބަޖެހޭ ޔޫތު ޕްލޭޔަރުން ޑިވެލޮޕްކުރަން. އެ ޑިވެލޮޕްމަންޓަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ޔޫތު ލީގު ދެމެހެއްޓެނިވި ގޮތަކަށް ދިގު މުއްދަތަކަށް ކުރިއަށްގެންދިއުމަކީ، އެ ކުދިންގެ ޓެކްނިކަލް އެބިިލިޓީސް ޑިވެލޮޕްކޮށްފައި އޭތި ދައްކާލާނެ ޕްލެޓްފޯމެއް ނެތް،" ދާދި ފަހުން އޭއެފްސީ-ސީ ލައިސަންސް ކޯޗިން ކޯސް ފުރިހަމަކުރި އަކޫ ބުންޏެވެ.

"މިހާރު (ރާއްޖޭގެ) އެކަޑަމީތަކުން (މުބާރާތް ކުޅެން) މި ދަނީ މެލޭޝިއާ، ތައިލެންޑް، ސިންގަޕޫރު، އެކި ތަންތަަނަށް ގޮސް އަނެއްހެން ބުނަންޏާ އެއީ ސެވަން އަ ސައިޑް މުބާރާތްތަކެއް މި ކުޅެނީ، އެ ކުދިންގެ އަސްލު އެބިލިޓީސް ދައްކާލާނެ އެއްވެސް ޕްލެޓްފޯމެއް ނެތޭ އެހެންވެ، ޔޫތު ލީގުގެ ސަބަބުން އެ ހަރުފަތް ބިނާވެގެން މިދިޔައީ،"

ޔޫތު ލީގު ފެށިގެން މިހާތަނަށް ގިނަ މެޗުތަކެއް ވަނީ ކުޅެވިފަ އެވެ. ބްރޭކްތަކެއް ދީގެން ރަނގަޅަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގައި، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނިފައިވާ ކަމަށް އަކޫ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ހަމަ ހީވެސް ނުކުރާހާ، ހުނަރު އަޅުގަނޑުމެެންގެ ގައުމުގައި އެބައޮތް. އެކަން ޔޫތު ލީގުގެ މެޗުތައް ބަލާލީމަ ވެސް ފެނިގެންދާނެ. އަޅުގަނޑުމެން ވެސް ހިއެއް ނުކުރަން އެހާ ވަރުގެ ޕްލޭޔަރުން އެކަޑަމީތަކުގައި އުޅޭ ކަމަށް. އެކަމަކު، ހަމަ ހުރިހާ މެޗެއް ބެލި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ހަަމަ ސަޕްރައިޒްވާ މިންވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެ ކުދިން ކުރިއަރަން އޮތް ދޮރަކީ މިއީ،" އަކޫ ބުންޏެވެ.

ޒުވާން ކުޅުންތެރިން ކުރިއަރުވަން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން މުހިންމު ކަމަށާއި މި ފަހަރުގެ ލީގަކީ ފެށުނެއް ކަމަށް އަކޫ ވަނީ ބުނެފަ އެެވެ.

"އެންމެން އެއްބާރުލައިގެން އެބަޖެހޭ ކުރިއަށްގެންދަން، އިންޝާﷲ ކުރިއަށް އޮތްތާގައި ރާއްޖެ ތެރެއިން ވެސް ބައިވަރު ކުޅުންތެރިންތަކެއް އައިސް ފެނިގެންދާނެ،" އަކޫ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އަރަމުން އަންނަ ޖީލަށް އެންމެ ބޮޑު ހިތްވަރެެއް ދެނީ އާއިލާގެ ފަރާތުންނެވެ. އެ ގޮތުން، ޕްރެކްޓިހަށް ކުދިން ގެންދިއުމާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ކުޅުންތެރިން ކުޅުވަން، އެކަޑަމީތަކާ ގުޅިގެން، އާއިލާ އިން ކުރާ ހާއްސަ މަސައްކަތްތައް ފާހަކުރަން ޖެހެ އެވެ.

އަކޫ ބުނީ، އެކެޑަމީތަކުގެ ފުޓްބޯޅައިގައި ރަނގަޅަށް ފެންނަ އެއް ކަމަކީ ކުދިންނަށް ލިބޭ އައިލީ ސަޕޯޓް ކަމަށެވެ. އަދި އެކަން ވަރަށް ތަފާތު ބޮޑުކޮށް ފެނިގެންދާ ކަމަށާއި ކޮންމެ ޕްރެކްޓިހެއްގައި ކުއްޖާގެ މަންމަ ނޫނީ ބައްޕަ ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

"ގިނަ ޕޭރެންޓުން (ބެލެނިވެރިން) ޕްރެކްޓިސް ނިމެންދެން ބަލަން ވެސް ތިބޭ. އައިލީ ސަޕޯޓް މި އަރަމުން އަންނަ ޖީލުގެ ހުރިހާ ކުދިންނަށް ވެސް ވަރަށް މަތީ ފެންވަރުގައި ލިބިގެންދޭ. އަޅުގަނޑުމެން ހަނދާން ހުރޭ އަޅުގަނޑުމެން ކުޅުނުއިރު ދަބަސް އަޅުވައިގެން ކުޅެން އެކަނިމާ އެކަނި ހިނގާފައި ޕްރެކްޓިހަށް ވެސް މި ދަނީ، އަޅުގަނޑުމެންނަށް އެ ކުދިންނަށް މި ލިބޭ އުމުރުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ވެސް ނެތް ލިބިފައެއް،" އަކޫ ބުންޏެވެ.

"ފަސް އަހަރުން ފެށިގެން ގިނަ ކުދިން ޕްރެކްޓިސް ކުރަމުން އެ އަންނަނީ އެެކަޑަމީތަކުގައި، މާލޭގައި އޮތް ހުރިހާ އެކެޑަމީގައި ވެސް 300 އަށް ވުރެ ގިނަ ކުދިން ކޮންމެ އެކަޑަމީއެއް ކަހަލަ ގޮތަކަށް އެބައުޅޭ، އެ ހުރިހާ ކުދިންނަށް އެ އާއިލާގެ ފަރާތުން އެ ލިބޭ ސަޕޯޓް ވަރަށް ވެސް އިތުރު ހިތްވަރަކަށް ވެގެންދާނެ،"

ޒުވާން ފުޓްބޯޅަ ޖީލެއް ބިނާކުރާއިރު، އެންމެ އިސްކަމެއް ދޭން ޖެހޭނީ ކުއްޖާ އަށް ފުޓްބޯޅަ ވީ އެންމެ ރަނގަޅަށް ދަސްކޮށްދީގެން އެ ކުޅިވަރު ދެކެ ލޯބި ޖައްސައިގެން، މާ ބޮޑު ޕްރެޝަރެއް ނުދީ ކުރިއަށް ދިއުމަށް ކަމަށް އަކޫ ބުނެފައިވެ އެވެ.

އަކޫ ދެކޭގޮތުގައި، ހުނަރު ކުރިއެރުވުމަށް އުނދަގޫވާނެ ފަދަ ލެވަލަށް ޕްރެޝަރު ނުދީ ރަނގަޅަށް ކުރިއަށްދާ ކުއްޖާގެ އެ ހުނަރު ރަނގަޅަށް ޑިވެލޮޕްވެ، ލިބޭ ފުރުސަތުގައި ތަފާތު ދައްކާނެ ކަމަށެވެ. އަދި އޭގެ ފައިދާ ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ކުރާނެ ކަމަށް އަކޫ ފާހަގަކުރި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޔޫތު ލީގު ބްރޭކެއް ނަގާފައި އޮތީ، ސްކޫލް ބަންދާ ދިމާކޮށެވެ. މި ބްރޭކަށް ފަހު އަލުން ދިވެހި ޔޫތު ލީގު ފަށާނީ، ޖެނުއަރީ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox