އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހަރާވުމާ ގުޅިގެން އެ މަރުހޫމުގެ އާއިލާ އާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރުކަން 2004 އިން 2014 އަށް ކުރެއްވި މަންމޯހަން ސިންގް ރޭގެ ވަގުތެއްގައި އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން، ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދަނިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަންމޯހަން ސިންގް އަވަހާރަވުމުގެ ފުން ހިތާމައިގައި، ދިވެހިރައްޔިތުންނާއި އެ މަނިކުފާނު ބައިވެރިވާ ކަމަށެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި [މަންމޯހަން ސިންގްގެ] އާއިލާއަށާއި، އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ މަގާމުގައި މަންމޯހަން ސިންގް 2011 ގައި ރާއްޖެ އަށް ކުރެއްވި ދަތުރު ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އެއީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖްތިމާއީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރި ތާރީހީ ދަތުރެއް ކަމަށެވެ.

ދެކުނު އޭޝިއާގެ ތަރައްގީ އާއި ގައުމުތަކުގެ އެއްބާރުލުން ބަދަހިވުމަށް މަންމޯހަން ސިއްގްގެ ލީޑަޝިޕާއި ސިޔާސަތު މުހިއްމު ދައުރެއް އަދާކުރި ކަމަށް ވެސް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.
އުމުރުން 92 އަހަރުގައި އަވަހާރަވި މަންމޯހަން ސިންގް ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން އިންޑިއާގެ މާލީ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި އެވެ.













