މީލާދީ އާ އަހަރު ފެށޭ ޗުއްޓީއަށް ހަތަރު ދުވަސް ލިބޭ ގޮތަށް އަންނަ މަހުގެ 2، ވާ ބުރާސްފައްޗަކީ ވެސް އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖެނުއަރީ 2، އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަޔަނުދީ މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖެއްސެވުމަށްޓަކައި ކަމަށެވެ.
އާ އަހަރު ފެށޭ ދުވަސް ދިމާވަނީ ބުދަ ދުވަހަކަށެވެ. ނަމަވެސް ކުރިން އޮތް ގޮތުންނަމަ، އެ ދުވަސް ބަންދުވުމަށްފަހު ޖެހިގެން އަންނަ ބުރާސްފަތީގައި ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭނެ އެވެ.
ބުރާސްފައްޗަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވުމުން އާ އަހަރު ޗުއްޓީއަށް ބުދައިގައި ސަރުކާރު ބަންދުވުމަށްފަހު ދެން ހުޅުވޭނީ ޖެނުއަރީ 5، ވާ އާދީއްތައިގަ އެވެ.













