ވިނަރެސް ފްލެޓުގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް ހައްލު ކުރުމަށް އެ ފްލެޓްތަކުގައި އުޅޭ 510 މީހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީ ފަޒުލް ރަޝީދުއަށް ސިޓީއެއް ފޮނުވައިފި އެވެ.
އެ ސިޓީގައި އެޗްޑީސީން ވިނަރެސް ފްލެޓްތައް ވިއްކިއިރު ބަޔާން ކޮށްފައިވާ ހިދުމަތްތަކާއި ވަސީލަތްތައް އަދި ވިނަރެސް ފްލެޓްތަކުގައި ގަވާއިދުން ކުރަން ޖެހޭ މަރާމާތުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މިއަދާ ހަމައަށް ވެސް ހައްލުނުވެ ހުރި ވަރަށް ގިނަ މައްސަލަތަކާއި މެދުކެނޑިފައިވާ ހިދުމަތްތަކުގެ ސަބަބުން ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އިތުރުވެފައިވޭ. ވިނަރެސް ފްލެޓްތަކުގެ ވެރިފަރާތްތަކުން ވަކި ވަކިން އެޗްޑީސީއަށް ގުޅައި އަދި އީމެއިލް މެދުވެރިކޮށް މައްސަލަތައް ހުށަހަޅައި، ޓިކެޓު އިޝޫކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ހައްލެއް ނުވަތަ ޖަވާބެއް ލިބިފައެއް ނުވޭ،" ސިޓީގައި ބުންޏެވެ.
ވިނަރެސް ކޮމިއުނިޓީގެ ފަރާތުން ޓަވަރުތަކުގެ މަންދޫބުން އިސްނަގައިގެން އެޗްޑީސީއާ އެކު ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތައް ބޭއްވިފައިވީ ނަމަވެސް، ފާހަގަ ކުރެވިފައިވާ މައްސަލަތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުލިބޭކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކުން ބަރާބަރަށް ފައިސާ ދައްކަމުންދާއިރު ވިނަރެސް ފްލެޓްތަކުގެ ސެކިއުރިޓީ ކޮންމެ ޓަވަރެއްގައި ގާއިމު ކުރެވި، ގަވާއިދުން މެއިންޓަނަންސް މަސައްކަތް ކުރަން ޖެހޭއިރު، އެކަން ނުކުރާ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

ވިނަރެސް ފްލެޓްތައް ގަނެފައިވާ ފަރާތްތަކުން ހުށަހަޅާ މައިގަނޑު ކަންތައްތައް:
- މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް، ވިނަރެސް ފްލެޓްތަކުގައި ހުރި އެންމެހައި މައްސަލަތައް ހައްލުކޮށް، ސެކިއުރިޓީ ގާއިމުކޮށް، މަރާމާތް ކުރަން ޖެހޭ އެންމެހައި ތަންތަން މަރާމާތު ކުރުން.
- ވިނަރެސް ސަރަހައްދުގެ ބިން ބޭނުން ކުރުމުގެ ޕްލޭން، މެއިންޓަނަންސް ޕްލޭން، އަދި ސެކިއުރިޓީ ޕްލޭން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުން. އަދި މުނިސިޕަލް އަދި އާންމު މަރާމާތުގެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތާއި މުއްދަތު، އަދި މަރާމާތު ކުރުން ލަސްވަމުންދާ ސަބަބުތަކުގެ ތަފްސީލް ހިއްސާ ކުރުމާ އެކު، ކޮމިއުނިޓީގެ އެއބްާރުލުން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން. އަދި ވިިނަރެސް ޓަވަރުތަކުގެ މަންދޫބުންނާ އެކު ގަވާއިދުން ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރުން.
- އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކުން ކުލި ނުވަތަ މެއިންޓަނަންސް ފީ ނުދެއްކުމުގެ ސަބަބުން މައްސަލަތައް ދިމާވަމުންދާނަމަ، އެކަމާ ގުޅޭ ނޯޓިސް ފޮނުވައި، ފީ ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވިނަރެސް ޓަވަރުތަކުގެ މަންދޫބުންނާ އެކު މަޝްވަރާކޮށް، އެކަށީގެންވާ ހައްލެއް ހޯދުން.
- އެޗްޑީސީން އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ހައްލު ނުކުރާނަމަ، އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން ޕްރޮޕަޓީ މެނޭޖްމަންޓް ބަލަހައްޓާނެ ވަކި މެނޭޖްމަންޓް ބޮޑީއެއް އުފެއްދުން.
އެޗްޑީސީން ކަމާ ގުޅުންހުރި އެންމެހައި ޔުނިޓްތަކާ އެކު ވީ އެންމެ އަވަހަށް ބައްދަލުވުމެއް ބާއްވައި، ވިނަރެސް ކޮމިއުނިޓީގެ ފަރާތުން މައްސަލަތައް ހައްލު ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.
މީގެއިތުރުން ސިޓީއާ އެކު ވިނަރެސް ޓަވަރުތަކުގެ ސެކިއުރިޓީ، މަރާމާތު، މުނިސިޕަލް ހިދުމަތްތައް އަދި އެހެނިހެން ފާހަގަކުރެވޭ މައްސަލަތަކުގެ ލިސްޓެއް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.












