ޔޫއެންގައި ހުންނަ ދާއިމީ މިޝަން އަށް ޗާގޯސް މައްސަލާގައި ފޮނުވި އޭޖީގެ ވަކީލު މަސައްކަތްފެށީ އޮގަސްޓު މަހު

އެޓާނީ ޖެނެރަލް އުޝާމް: ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުން ބައިކުރި ސަރަހައްދު ހޯދުމަކީ ސަރުކާރުގެ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް

އެޓާނީ ޖެނެރަލް އުޝާމް: ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުން ބައިކުރި ސަރަހައްދު ހޯދުމަކީ ސަރުކާރުގެ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް

ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ބަޔެއް ކަމަށް ބަލައި ރާއްޖޭގެ އީއީޒެޑުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި މައްސަލަ އިސްތިއުނާފުކުރަން ކުރާ މަސައްކަތުގެ ތެރެއިން، އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނަށް ފޮނުވި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު މަސައްކަތް ފެށީ އޮގަސްޓު މަހު ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ މިޝަނަށް އޭޖީގެ ވަކީލަކު ފޮނުވިކަން ފުރަތަމަ ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ގޮތުން، ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އޭޖީ އޮފީހުގެ ވަކީލު ޔޫއެން މިޝަނަށް ފޮނުވީ މި ސަރުކާރު ފެށުމާއެކު ކަމަށެވެ.

"އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފެއް ދާއިމީކޮށް ޔޫއެން ގައި ހުންނާނެ. އަޅުގަނޑުމެންގެ ސަރުކާރު އުފެދުނީއްސުރެ ފޮނުވައިގެން، އެތާ ބަހައްޓައިގެން ކުރަންޖެހޭ މަސައްކަތް ވެސް އެދަނީ ކުރަމުން،" ނޮވެމްބަރު 10، ގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

މިއާއެކު މި މައްސަލާގައި ފޮނުވި ވަކީލުގެ ތަފުސީލުތަކާއި އޭނާ މަސައްކަތް ކުރަން ފެށި ތާރީހު ހޯދުމަށް މި ނޫހުން ވާނީ އޭޖީ އޮފީހަށް އާރުޓީއައި ރިކުއެސްޓެއް ހުށަހަޅާފަ އެވެ. މި ހުށަހެޅުމަށް ލިޔުމުން ދިން ޖަވާބުގައި އޭޖީ އޮފީހުން ބުނީ، މި ސަރުކާރު ފެށުމާއެކު ޔޫއެންގައި ހުންނަ ދާއިމީ މިޝަނަށް ވަކީލަކު ފޮނުވުމުގެ މަސައްކަތް ފެށުނު ނަމަވެސް، އެ ވަކީލަށް މަސައްކަތް ފެށުނީ އޮގަސްޓު 1، ގައި ކަމަށެވެ.

"ހަމަޖައްސަންޖެހޭ އެންމެހައި އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށްފަހު، އަދި މުވައްޒަފަށް ބޭނުންވާ ޓްރެއިނިން ދިނުމަށްފަހު މި އޮފީހުގައި ވަޒީފާ އަދާކުރަމުންދިޔަ ސްޓޭޓް އެޓާނީއެއްވަނީ އޮގަސްޓު 1، 2024 ގައި ނިއު ޔޯކުގެ މިޝަންގައި މަސައްކަތްކުރައްވަން ފަށްޓަވާފަ،"

ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ކަމަށް ބުނެ އެ ވަކީލުގެ ނަން ސިއްރުކުރި ނަމަވެސް ބައެއް ތަފުސީލުތައް އޭޖީ އޮފީހުން ވަނީ ދީފަ އެވެ. އެގޮތުން ޕެންޝަނަށް ކެނޑުމަށްފަހު އެ ވަކީލަށް ދޭ މުސާރައަކީ 18،685ރ. ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭނާ އެތަނުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އިޓްލޮސްގެ ނިންމުން ދިރާސާ ކުރުމާއި އދ. އަދި އދ. ގެ ދަށުން އުފައްދާފައިވާ ޖަމިއްޔާތަކުން މިކަމާ ގުޅިގެން ކުރާ މަޝްވަރާތަކުގައި ބައިވެރިވެ، ނިއު ޔޯކުގައި ހުންނަ މިޝަނަށް ލަފާދިނުން ހިމެނޭ ކަމަށްވެސް މި ނޫހަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ޗާގޯސް މައްސަލާގެ ފަސްފަހަތް

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައި ވެސް ވެ އެވެ.

އެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް އެންމެ ބޮޑަށް ނެގި ނުކުތާއަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް ހިނގާކަން ސާފު ނުވާ ކަމަށް ބުނި ބުނުމެވެ. އަދި ސިޔާދަތީ ބާރުގެ މައްސަލަ ފުރަތަމަ ނިންމަން ޖެހޭ ކަމަށްވެސް ރާއްޖެއިން ވަކާލާތު ކުރި އެވެ. ނަމަވެސް ޔޫކޭ-މޮރިޝަސް އެއްބަސްވުމާއެކު އޭރު ރާއްޖެއިން ނެގި ދިފާއުތައް ވަނީ މުޅީންހެން ބާތިލުވެފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ވައުދުވަމުންނެވެ. މިއަދާ ހަމައަށް ވެރިކަމަށް 320 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަދިވެސް އެކަމުގައި ގޮތެއް ނުނިންމަ އެވެ.

ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހާ ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.

ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދުނު ނަމަވެސް ސަރުކާރުން ވަނީ އެ ސިޓީ އާއި އެކުގައި ފޮނުވި ލިޔުންތައް ސިއްރުކޮށްފަ އެވެ. އެ ނިންމުން މިހާރު ވާނީ މުރާޖައާކުރުމަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox