ދ. ބަނޑިދޫގެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް އެ ރަށުގެ ޓޫރިޒަމަށް ކަނޑައަޅާފައިވާ 50،000 އަކަ ފޫޓުގެ ބިމެއް ތިން އަހަރު ދުވަހަށް އިންޑަސްޓްރިއަލް މަސައްކަތްތަކެއް ކުރުމަށް ވަގުތީ ގޮތުން ދޭން ކައުންސިލުން ނިންމި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅައިފި އެވެ.
އެ ބިން ކައުންސިލުން ކުއްޔަށް ދޭން ނިންމާފައި ވަނީ އެ ބިން ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅި ބިލްޑިން ސިސްޓެމްސް އެންޑް ސާވިސަސް އަށެވެ.
އެ މައްސަލަ ހުށަހެޅި ފަރާތުން ބުނީ ބަނޑިދޫ ކައުންސިލުގެ ރައީސް މުހައްމަދު މޫސާ މަގާމުގެ ނުފޫޒު ބޭނުންކޮށް، ވަކި ފަރާތްތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ބަނޑިދޫ ކައުންސިލުގެ ނިންމުމާ ގުޅިގެން ގާނޫނީ ހުރަހެއް އޮތްކަން އެ ކައުންސިލަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސުން ފޮނުވާފައިވާ ލިޔުންތަކުން ކަށަވަރުވާ ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
"ވަގުތީ ގޮތުން ތިން އަހަރު ދުވަހަށް 50،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ ގޮތުން ބަނޑިދޫ ކައުންސިލުން ކޮށްފައިވާ އިއުލާން ބެލުމުން، މި އިއުލާނަކީ، މި ބިން ކުއްޔަށް ހިފުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތަށް އެ ބިން ދޫކުރުމަށް ތައްޔާރުކޮށް، އެކަމަށް ފަހާފައި އޮތް ކޯޓެއް ފަދަ އިއުލާނެއް،" އޭނާ ބުންޏެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ، އޭގެ ތެރޭގައި މިނިސްޓްރީތަކަށް ދޮގު މައުލޫމާތު ދިނުމާއި މުދަލާއި ފައިސާ ލޯންޑާ ކުރުން އަދި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުން ހިމެނެ އެވެ.
ނަމަވެސް މުހައްމަދު މޫސާ "އަދަދު" އަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރަމުން އަންނަނީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އަދި ކައުންސިލުން އެ ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ ގާނޫނީ އެއްވެސް ހުރަހެއް އެކަމުގައި ދިމާނުވާ ގޮތަށް ހޯދަން ޖެހޭ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށް ވެސް މުހައްމަދު މޫސާ ވިދާޅުވި އެވެ.
"ކައުންސިލްގެ ނިންމުމާ ގުޅިގެން އަޅުގަނޑުމެން މިދަނީ ސަރުކާރުގެ ވުޒާރާތަކުން މިކަމާ ގުޅިގެން ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުގެ ބޮލުގައި އަޅުވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް. މި މަސައްކަތް ކުރެވެމުން މިދަނީ ވަރަށް ދެފުށް ފެންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އެގޮތުން ބަނޑިދޫގެ ބިމުން ބޮޑު ސަރަހައްދެއް އުސޫލާއި ހިލާފަށް ދިނުމަށް ކުރަމުންދާ މަސައްކަތް ވީ އެންމެ އަވަހަށް ހުއްޓުވުމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެދި، އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެދިފަ އެވެ.
ބަނޑިދޫގެ ޓޫރިޒަމް ޒޯނުގައި ހިމެނޭ އެ ބިން އިންޑަސްޓްރިއަލް ބޭނުމަށް ދިނުން ހުއްޓުވަން ގޮވާލައި އެ ރަށުގެ 102 މީހުން ސޮއިކޮށް ޕެޓިޝަނެއް ކައުންސިލަށް ވަނީ ހުށަހަޅާފަ އެވެ.
އެ ޕެޓިޝަނުގައި ރަށުގެ ދިރާގު އެންޓަނާއިން ފެށިގެން މަސްޖިދުލް އީމާންއާ ހަމައަށް ގޮނޑުދޮށުން، ބަނޑިދޫ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށް ޓޫރިޒަމް އެކިއެކި ބޭނުންތަކަށް ދޫ ކުރުމަށް ފާސް ކޮށްފައިވާ ބިންތައް ވަގުތީ ގޮތުން ނަމަވެސް އެހެން ބޭނުންތަކަށް ނުދޭން އެދިފައިވެ އެވެ.













