ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލު އޮމާން އަށް ފުރާވަޑައިގެންފި އެވެ.
ހާރިޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ވަޒީރު އޮމާނަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދައުވަތަކަށް ކަމަށެވެ.
ހަލީލުގެ މި ދަތުރުގައި އޮމާނުގެ ފޮރިން މިނިސްޓަރާއި ބައްދަލުކޮށް ރަސްމީ މަޝްވަރާތަކެއް ބާއްވާނެ ކަމަށް ވެސް ހާރިޖިއްޔާއިން ބުނެފައިވެ އެވެ.
އެ ދަތުރުގެ ތެރެއިން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހާރިޖީ އޮފީހުން ބުނެ އެވެ. ފޮރިން މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އެހެން ވެރިންނާ މިނިސްޓަރު ހަލީލު ބައްދަލުކުރައްވާނެ ކަމަށް ވެސް ދިވެހި ހާރިޖިއްޔާއިން ބުނެފައިވެ އެވެ.
މި ދަތުރުގައި މިނިސްޓަރުގެ އިތުރުން، ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަންނަވަ އެވެ.

އޮމާން އަކީ އެކި ދާއިރާތަކުން ރާއްޖެއަށް ހިލޭ އެހީ އާއި ލޯނު ދެމުންދާ ގައުމެކެވެ.












