ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގުރާމުތައް ވަކި އުސޫލެއްގެ ދަށުން ފުރިހަމަ ކުރާ މީހުންގެ ހުކުމަށް ލުއި ދެއްވުމަށް ނުވަތަ މައާފު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެގޮތަށް ރައީސް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އިއްޔެ ނިންމެވި ކަންތައްތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފްރޭމްވޯކަށް އަމަލު ކުރަން ފެށުމާއި ޖަލުތަކާއި ޖަލުތަކުން ބޭރުގައި ވެސް ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރު ކުރެވޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ހިމެނެ އެވެ.
އޭގެއިތުރުން ރީހެބިލިޓޭޝަން ފްރޭމްވޯކާއި މައާފު ދިނުމާއި ޕެރޯލް ހަމަޖެއްސުމާއި ހުކުމަށް ލުއި ދިނުމުގެ ނިޒާމު ގުޅުވައިލުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
އަދި ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް މިނިސްޓަރު އިހުސާން ހުށަހެޅުއްވި ކަރުދާހުގައި އޮތް ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް ވަނީ އިއްޔެ ނިންމަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ރައީސް ނިންމެވި ކަންކަން ތަންފީޒު ކުރުމަށް ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ހަވާލު ކޮށްގެން ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލު ކުރާނެ ޓައިމްލައިނެއް އެކުލަވާލައި އެކަންކަން ހާސިލު ކުރެވޭ މިންވަރު ބެލުމަށް ވެސް ނިންމި ކަމަށެވެ.












