ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާފް ޗެރިޓީ ރަން ބާއްވައި، ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސް އަށް ފައިސާގެ އެހީތެރިކަން އިއްޔެ ފޯރުކޮށްދީފި އެވެ.
ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަން ނިންމާލުމަށްފަހު ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ބީއެމްއެލްއިން ވަނީ 50،000ރ. ހަދިޔާ ކޮށްފަ އެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 300 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގައި ބޭންކުން ގާއިމްކޮށްފައިވާ ބްރާންޗްތަކުގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ.
މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލްގެ މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ އެ ދުވުމަކީ 2017 އިން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.
ބީއެމްއެލްއިން އަންނަނީ އެކި ޖަމިއްޔާތަކަށް އެހީވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.











