އިޒްރޭލު ޕާސްޕޯޓު ބޭންކުރުން އަވަސް ކުރުމުގެ ރޫހެއް ޕީއެންސީ މެންބަރުންގެ ނެތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ކޮމިޓިގައި އޮންނަތާ ފަސް މަސް ވާން ގާތްވެއްޖެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ކޮމިޓިގައި އޮންނަތާ ފަސް މަސް ވާން ގާތްވެއްޖެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް، އެ ގައުމުގެ ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރުމުގެ ރޫހު ޕީއެންސީ މެންބަރުންގެ ނެތްކަން ސާފުކޮށްދެއްވައިފި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ހުށަހަޅާފައިވާ ބިލު އަވަހަށް ފާސް ކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ސުވާލު އުފެއްދެވީ ކުރީގެ ސަރުކާރުތަކުން އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރި ސަބަބާ ގުޅޭގޮތުންނެވެ.

"އިޒްރޭލު ޕާސްޕޯޓާ ބެހޭގޮތުން ވާހަަކަދައްކާއިރު އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް ހަމަ އިޒްރޭލުން މި އަނިޔާވެރިކަން ހިންގިއިރު، މިދިޔަ ހުރިހާ ސަރުކާރަކުން ވެސް އެ ޕާސްޕޯޓެއް މަނާއެއް ނުއެއް ކުރޭ، މިއަދު ތޯއޭ އެ ޕާސްޕޯޓު މަނާކުރަން ތެޅިގަންނަންވީ އަޅުގަނޑުމެން އައީމާ، އެއިރު ހަމަ އެއިރުގެ ސަރުކާރުން މަނާކޮށް ތަސްދީގު ކޮށްލިނަމަ، ތިވާހަކަފުު ދައްކާކަށް ނުޖެހޭނުންތޯ؟" ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އެ ގަރާރު ބަލައިގަތުމާ މެދު ކުރި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ މެންބަރުން ނުސީދާކޮށް ފާހަގަ ކުރައްވަމުން ގެންދެވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ވެދާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ވަށައިގެން ތިބި ގައުމުތަކުން ނުކުރާ ކަމެއް ރާއްޖެއިން ކުރާއިރު ވިސްނަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ފަލަސްތީނުގެ ރައްޔިތުންނާ ދީނީ ގޮތުން އެއްބަނޑުއެއްބަފާ ބައެއް، އެހެންނަމަވެސް ފަލަސްތީނުގެ ވަށައިގެން އެތިބަ އަރަބީންނަކީ އާއިލީ ގޮތުން ވެސް ދަރިފަސްކޮޅުގެ ގޮތުން ވެސް އަދި ދީނީ ގޮތުން ވެސް އެއްބަނޑުއެއްބަފާ ބައެއް، އެހެންކަމުން އަޅުގަނޑުމެންނަށް ވުރެ މާމުއްސަނދި، މާ ފުދުންތެރި އަދި ފަލަސްތީނު ރައްޔިތުންނާ އެހައި ގާތް ބަޔަކު ނާޅާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާއިރު، އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ،" ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުއްﷲ ހިލްމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިއޮތީ އެހެން އެއްވެސް ގައުމަކާ ޖެހިގަނެގެން އަދި އެހެން އެއްވެސް ރައްޔިތަކާ ޖެހިގަނެގެން އުޅެވޭ ފަދަ ހާލަތެއްގައެއް ނޫން، އަޅުގަނޑުމެންގެ ހާލަތީ ހުރިހާ ކަމަކަށް ވެސް ހުރިހާ ގޮތަކަށް ވެސް ބަލައިގެން ފިޔަވަޅު އަޅަންޖެހޭ ހާލަތެއް އިއްޒަތްތެރި ރައީސް،"

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން މިދިޔަ ޖޫން ގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ. އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ނިންމީ ޖޫން 10 ގަ އެވެ.

އެ ބިލުގެ މަސައްކަތް ކުރިއަށް ދަނިކޮށް އޮކްޓޯބަރު 16، ގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ބަޔާނެއް ވެސް ނެރެފަ އެވެ.

ނަމަވެސް އެ މަސައްކަތް އަވަސް ކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގައި އެ ބިލު ދިރާސާ ކުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމީ އެ ބިލުގެ ކޮމިޓީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ދިގުދަންމާލަންށެވެ.

މިއަދުގެ ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ވާހަކަދައްކާއިރު، އެ ގައުމުގައި މުސްލިމުން ވެސް އުޅޭ ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ސަބަބުން އެމީހުންގެ ހައްގު ގެއްލިގެން ނުވާނެ ކަމަށް ވެސް ޕީއެންސީ މެންބަރުން ވިދާޅުވި އެވެ.

"އިޒްރޭލު ރައްޔިތުން މި ގައުމަށް އައުމަށް އަޅުގަނޑުމެން ދެކޮޅު ހަދާއިރުގައި އިޒްރޭލުގައި ވެސް އެބައުޅޭ އަޅުގަނޑުމެންނާ އެއް ދީނެއްގެ އަހުލުވެރިން އިއްޒަތްތެރި ރައީސް، އެފަދަ މީހުން ރާއްޖެއަށް އައުން މަނާ ކުރަންޖެހޭ ސަބަބެއް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އޮންނަޖެހޭނެ ކަމަކަށް، އެއީ އެފަދަ ރައްޔިތުންގެ ބޮޑުވަޒީރަކަށް ހޮވަން ވެސް ވޯޓު ދިނީ ބެންޖަމިން ނަތަންޔާހޫއަށް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، އަދި މަޖިލީހަށް ވޯޓު ދިނީ އެފަދަ ޔަހޫދީންނަށް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ސައުދުއްﷲ ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ސުޖާއު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށާއި ދުނިޔޭގެ އެއް ގައުމު އަނެއް ގައުމާ އޮތީ ގުޅިލާމެހިފައި ކަމަށެވެ.

އެގޮތުން އިޒްރޭލާ މެދު ފިޔަވަޅެއް އަޅައިފި ނަމަ، އެ ގައުމާ ގުޅުންހުރި އެހެން ގައުމުތަކުން ރާއްޖެއާ މެދު ފިޔަވަޅެއް އަޅައިފާނެ ކަމަށް ވެސް ވިސްނަންޖެހޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިޒްރޭލުގެ ސިޔާސީ ބޭފުުންނާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަނިޔާ ދިނުމުގައި ސިޔާސީ ގޮތުން ކަންކަން ތަންފީޒު ކުރައްވަން ތިއްބަވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ މި ރާއްޖޭގެ ރީތިކަމުގެ އުފާ އެ ބޭފުޅުންނަށް ދިނުމަކީ އަޅުގަނޑުމެން ގަބޫލު ކުރާ ކަމެއް ނޫން، އެހެން ނަމަވެސް އެއް ބަޔަކު އަނެއް ބަޔަކާ ގުޅިލާމެހިފައި އެ ގައުމު އަނެއް ގައުމުގެ އެހީތެރިކަން ހޯދަމުންދާ ދަނޑިވަޅެއްގައި އިޒްރޭލާ ގުޅުންހުރި އެހެން ގައުމުތަކުގައި ތިއްބަވާފާނެ އަޅުގަނޑުމެންނަށް ސެންކްޝަންއެއް ވެސް އަޅާފާނެ ފަރާތްތައް މިސާލަކަށް،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިލުގެ މަސައްކަތް ނިންމާނެ ތާރީހު މިހާރު އޮތީ ކަނޑައެޅިފައި ކަމަށާއި ބިލުގެ މަސައްކަތް ނިންމަންޖެހޭނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ޖެހެނީ މިވަރުގެ ބޮޑު ނިންމުމެއް ނިންމާއިރުގައި ކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާއި އަދި ސިޔާސީ ޕާޓީތަކާ ވެސް ވަރަށް ރަނގަޅަށް ވާހަކަދެކެވިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅެން، މި ބިލުގެ ސުންގަޑި ވަނީ ކަނޑައެޅިފައި، މި ބިލު ނިންމާނެ ތާރީހު ވަނީ ކަނޑައެޅިފައި މި ކޮމިޓީގައި ތިއްބަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ސުޖާއު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރާ މެދު މިއަދު މަޖިލިސް ނިމުމުގެ ކުރިން ވޯޓަށް އަހާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox