މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޑިސެމްބަރު 6، ގައި ކުރިއަށް ގެންދާ އެ މުބާރާތް އިންތިޒާމު ކުރަނީ ފިޝަރީޒް މިނިސްޓަރީންނެވެ. އެ މިނިސްޓަރީން މިއަދު ކުރި އިއުލާނުގައި ބުނީ މަސް ރޭހުގައި ބައިވެރިވެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރެޖިސްޓަރީ ކޮށްފައިވާ ނުވަތަ އަމިއްލަ ގޮތުން ރެޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ.
މަސް ރޭސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ޑިސެމްބަރު 6 ގެ ހަވީރު 3:00 އިން ރޭގަނޑު 9:00 އަށެވެ. މުބާރާތް ފެށުމާއި ނިމުމުގެ ރަސްމިއްޔާތު އޮންނަނީ ހުޅުމާލޭގަ އެވެ. އެ މުބާރާތުގެ ގަވާއިދު ފިޝަރީނޒް މިނިސްޓަރީގެ އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވެ އެވެ.
މަސްރޭހުގެ އެކި ވަނަވަނަ ހޯދާ ޓީމުތަކަށް ފިޝަރީޒް މިނިސްޓަރީން ވަނީ ފައިސާގެ އިނާމު ހުށަހަޅައިފަ އެވެ.
އިނާމުތައް:

- އެއްވަނަ - 25،000ރ.
- ދެވަނަ - 20،000ރ.
- ތިންވަނަ - 15،000ރ.
- އެންމެ ބަރު މަސް - 2000ރ.
އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ 12:00 އެވެ. މުބާރާތުގައި ބައިވެރިވެވެނީ ގޫގުލް ފޯމެއް ފުރައިގެންނެވެ.












