ކަނޑައެޅި ތާރީހުގައި ސައުތު އޭޝިއަން ގޭމްސް ނުބޭއްވޭނެ

Nov 15, 2024, 6:52 AM
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ތަކުރާރުކޮށް ފަސް ކުރަން ޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ބޭނުންވި ނަމަވެސް އެ ތާރީހުގައި އެކަން ނުކުރެވޭނެ ކަމަށް ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ އެކެއް ނޫނީ ދެ ވަނަ ދުވަހު މުބާރާތް ފެށުމަށް، ސައުތު އޭޝިއާގެ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)އާ އެކު މަޝްވަރާކޮށް ފައިނަލް ވެސް ކުރިއެވެ. އަދި އެކަން، ޕާކިސްތާން ސަރުކާރަށް ވެސް ހިއްސާކުރި އެެވެ.

އެކަމަކު، މައްސަލަތައް ފެންމަތިވީ، ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ސައުތު އޭޝިއަން ގޭމްސް ބާއްވަން ހަރަދުވާނެ ކަމަށް އަންދާޒާކޮށް ހެދި ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ ބަޖެޓާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ހެދި އެވެ. އެ ގޮތުން، ޕާކިސްތާން ސަރުކާރުގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) އިން ބުނެފައިވަނީ، މި ބަޖެޓްގައި މި ހިމަނާފައިވާ ކަންކަން މި ބަޖެޓުން ފުރިހަަމަ ނުކުރެވޭނެ ކަމަށެެވެ. އެއާ އެކު، އީސީސީން އަންގާފައިވަނީ، މި ބަޖެޓްގެ ތަފްސީލީ ކަންކަން ހިމެނޭ ރިޕޯޓެއް، ހުށަހެޅުމަށެެވެ.

ގޭމްސް ހޯސްޓްކުރަން، ތިން މިލިއަން ޑޮލަރުގެ ބަޖެޓެއް ޕާކިސްތާން އޮލިމްޕިކް ކޮމީޓީން އެ ގައުމުގެ ސަރުކާރަށް ހުށަހެޅި ނަމަވެސް، ސަރުކާރުން ހުށަހެޅި ބަޖެޓް މާ ބޮޑަށް ވަނީ ކުޑަކޮށްފަ އެވެ. އީސީސީން އަލިއަޅުވާލީ އެކަމަށެވެ.

މި ހުރިހާ ކަމަކަށް ބަަލައި، ޕާކިސްތާންގެ އޮލިމްޕިކް ކޮމިޓީގެ އޮފިޝަލެއް، އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކުރިން ކަނޑައެޅި ތާރީހުގައި ސައުތު އޭޝިއަން ގޭމްސް ނުބޭއްވޭނެ ކަމަށެވެ. އެއީ، ދެ މަސް ދުވަސް ތެރޭގައި، ހުރިހާ ކަމެއް ފުރިހަމަ ނުކުރެވޭނެތީ އެވެ. އެހެންވެ، އެންމެ އަވަހަށް ވެސް ދެން މި ގޭމްސް ޕާކިސްތާންގައި ބޭއްވޭނީ، އަންނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކަމަކު، އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ގޭމްސް އަހަރުގެ ފަހުކޮޅަށް ފަސް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އިންޑިއާ އިން ޕާކިސްތާންގައި ހޯސްޓްކުރާ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާ ނިސްބަތް ވަރަށް މަދެވެ. އެ ގޮތުން، އަންނަ އަހަރު ބާއްވާ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ވެސް އިންޑިއާ އިން ޕާކިސްތާނަށް ނުދާނެކަން ވަނީ އަންގައިފަ އެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.

އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox