އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ "އަދަދު" އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓް ހިފެހެއްޓީ އޮކްޓޯބަރު 9، ގައި ކަމަށެވެ.
ނަމަވެސް ސައީދުގެ ޕާސްޕޯޓް ހިފެހެއްޓީ އޭސީސީއިން ބަލަމުންދާ ކޮން މައްސަލައެއްގައި ކަމެއް އެ ކޮމިޝަނުން ސާފުކޮށްދީފައެއް ނުވެ އެވެ.
އޭސީސީން ކުރިން ބުނީ ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުންދާ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ވެސް ބަލަމުންދާ ކަމަށެވެ. އެ މައްސަލަތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ފެނަކައިގައި އެއްވެސް ހިޔާނާތުގެ ކަމެއް ހިންގާފައި ނުވާނެ ކަމަށް ސައީދު މީގެ ކުރިން ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ވަނީ ވިދާޅުވެފަ އެވެ.

ފެނަކައިގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކުރީ ސަރުކާރުގައި 13 ކަމެއް އިސްލާހު ކުރަން އެންގުމުން އެކަންތައް ދިން މުއްދަތު ތެރޭގައި އޭރު ރަނގަޅު ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.












