ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރަން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ބާއްވާ "ޕިންކް ރިބަން ރަން-ވޯކް" އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިވެއްޖެ އެވެ.
ހުޅުމާލޭގެ އިތުރުން 11 ރަށެއްގައި 2،400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރި އެ އިވެންޓު އިއްޔެ ވަނީ ބާއްވައިފަ އެވެ.
އެ އިވެންޓު ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ.
ބީއެމްއެލްއިން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރު ކުރުމަށާއި ކެންސަރު ޖެހިފައިވާ ބަލި މީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފުސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެ ލައްކަ ރުފިޔާ ސީއެސްއެމް އަށް ހަދިޔާކޮށްފަ އެވެ.
ބީއެމްއެލް އިން ދަނީ 2016 އިން ފެށިގެން ސީއެސްއެމްގެ އިތުރުން ޕިންކް ރިބަން ރަން ވޯކްއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.











