ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި "ބޭންކް ފަންޑް" ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައް ހާމަކޮށްފި އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށެވެ.
"މި ފަސް ޕްރޮޖެކްޓުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ. އަދި ޕްރޮޖެކްޓްތަކަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މި އަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ޖަމިއްޔާތައް:
- މުރަކަ ފާމް: ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއު.
- ޗިލްރެން އޮފް މޯލްޑިވްސް: ތިމާވެއްޓާމެދު ޝައުވެރިކަން އުފައްދައި، ހޭލުންތެރިކޮށް، އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ލައިބްރަރީއެއް ގާއިމްކުރުން.
- ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއެއް.
- ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިންގ ރޫމެއް ގާއިމްކުރުން.
- ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީކުރުން.
ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލްއިން އަބަދުވެސް ބޮޑު އަހުމިއްޔަތުކަމެއް ދެއެވެ.










