މާލީ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ވެސް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އެދިގެން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހަމަޖެއްސި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ 75 މެމްބަރުން އެބަ ތިއްބެ އެވެ.
ކޮންމެ މެންބަރަކަށް ވެސް ވަކި އަދަދަކަށް ވަޒީފާ ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމާއި އޭގެ ތެރެއިން ބައެއް ވަޒީފާތައް ކުރިން މީހުން ހަމަޖައްސާފައިވާ ކަމަށް ޕީއެންސީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.
ހިނގަމުން މިދާ ސެޕްޓެމްބަރު މަހު ވެސް ގިނަ ވަޒީފާތަކަކަށް މީހުން އައްޔަންކޮށްފައިވާ ކަމަށް ޕީއެންސީގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މި ނޫހަށް ވިދާޅުވި އެވެ.
މެންބަރުންނަށް ވައުދުވި ގޮތަށް ވަޒީފާ ދެމުންދަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުންނެވެ. މިގޮތަށް ބޭކާރު ހަރަދުކުރަމުން ދާއިރު، ސަރުކާރުގެ މާލީ ހާލަތު ދަށްވެ، ކްރެޑިޓު ރޭޓިންތައް ވެސް ވަނީ ދަަށްކޮށްފަ އެވެ.












