ލިވަޕޫލް (ސެޕްޓެމްބަރު 22) - މި ސީޒަން ނިމުމުން ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، އެ ޓީމުގެ ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އާނޯލްޑް، 25، އާ އެކު ލިވަޕޫލުން ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ހަދަން މަޝްވަރާތައް ފަށާފައިވީ ނަމަވެސް، އޭނާގެ ފަރާތުން އެ ވާހަަކަތަކަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
އެ ގޮތުން، އާނޯލްޑް، ހިލޭ ޓްރާންސްފާއެއްގައި އަންނަ ސީޒަނުގައި ރެއާލް މެޑްރިޑާ ގުޅެން، އެ ޓީމަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އާ ވާހަކަ ދައްކާ ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ދާދި ފަހުން، އާނޯލްޑް ހިމެނޭ ގޮތަށް އިނގިރޭސި ކޮންސޯޓިއަމް ގްރޫޕަކުން، 140 މިލިއަން ޑޮލަރަށް ފްރާންސްގެ ނޯންޓެސް ގަންނަން ވަނީ ހުށަހަޅައިފަ އެވެ.
އާނޯލްޑްގެ އިތުރުން، ލިވަޕޫލުން ވަނީ، މުހައްމަދު ސަލާހު އާއި ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓްގެ މަޝްވަރާތައް ވެސް ކުރިއަށްގެންދަން ފަށައިފަ އެވެ. އެ ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް އޮތީ މި ސީޒަނުގެ ނިޔަލަށެވެ، ޖެނުއަރީ މަހާ ހަމައަށް އާނޯލްޑް، ސަލާހު އަދި ވެން ޑައިކްގެ ކޮންޓްރެކްޓް ލިވަޕޫލަށް އާ ނުކުރެވިއްޖެނަމަ، އެ މަހުން ފެށިގެން، އިނގިރޭސި ނޫން ކްލަބަކާ އެކު، ޕްރީ އެގްރީމެންޓެއް ހެދުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް އޮންނާނެ އެވެ.
ލިވަޕޫލުން ވަނީ ރޭ ލީގުގައި 3-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ވެސް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓާ އަމާޒުވި ސުވާލަކީ ސަލާހު، އާނޯލްޑް އަދި ވެން ޑައިކްގެ ކޮންޓްރެކްޓާ ގުޅޭގޮތުންނެވެ. އެކަމަކު، ސްލޮޓް ވަނީ ސީދާ ޖަވާބުތަކެއް ދޭން ދެކޮޅު ހަަދައިފަ އެވެ.












