ހއ. ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުވާ މީހަކު 50 ގްރާމުގެ މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ހއ. ހޯރަފުށި، ރަތްބަގީޗާގެ، އަހްމަދު ޝީބާން، 42، ކަމަށެވެ.
"އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައި. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 50.6 ގްރާމް،" ފުލުހުން ބުންޏެވެ.
އޭގެ އިތުރުން މުސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.














