ސްރީ ލަންކާ އިންތިހާބުގެ ވަގުތީ ނަތީޖާގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނޫރާ ކުމާރާ ޑިސަނަޔަކެ ބޮޑު ލީޑެއް ހޯއްދަވައިފި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނޫރާ 1.5 މިލިއަން ވޯޓު ހޯއްދަވާފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާ ސަޖިތު ޕްރެމަޑާސާ ވަނީ މިލިއަނެއްހާ ވޯޓު ހޯއްދަވާފަ އެވެ.
ނަތީޖާ އިއުލާން ކުރަން ފެށިއިރު 50 ޕަސަންޓަށްވުރެ ގިނައިން އަނޫރާ ވޯޓު ހޯއްދެވި ނަމަވެސް ފަހުން އެ ޕަސަންޓޭޖް ވަނީ 45 ޕަސަންޓަށް ވެއްޓިފަ އެވެ. ސަޖިތު ވަނީ 30 ޕަސަންޓު ވޯޓު ހޯއްދަވާފަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ އިތުރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަމަ، ދެވަނަ ބުރަށް ވޯޓު ގުނައި ދެވަނަ އޮޕްޝަނަކަށް އެންމެ ގިނައިން ވޯޓު ހޯއްދެވި ކެންޑިޑޭޓު ބަލާނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ދެވަނަ އޮޕްޝަނަކަށް ދިން ވޯޓުތަކާއެކު އިންތިހާބު ކާމިޔާބު ކުރެއްވުން އެންމެ ގާތީ ސަޖިތު އެވެ.
އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނައިން ވޯޓު ހޯއްދެވީ 15 ޕަސެންޓާއެކު ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހު އެވެ. ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ތިން ޕަސެންޓާއެކު އަރިޔަނެތިރަން ހޯއްދެވިއިރު ނަމާލް ރާޖަޕަކްސައަށް ލިބުނީ އެންމެ ޕަސެންޓެކެވެ.
އިއްޔެ ކުރިއަށް ދިޔަ ލަންކާ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ 17 މިލިއަނެއްހާ މީހުންގެ ތެރެއިން 75 ޕަސަންޓެއްހާ މީހުން ވޯޓުލި އެވެ.










