ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
އިންތިހާބުގެ ވޯޓުލުން ލަންކާ ގަޑިން ހެނދުނު 7:00 ޖެހިއިރު ހުޅުވާލިއިރު ވޯޓުލުން ހަވީރު 4:00 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.
ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި ވޯޓުލާން ހުޅުވާލުމާއެކު ގިނަ ބަޔަކު ވަނީ ވޯޓުލާން ކިއު ހަދައިފަ އެވެ.
ވޯޓުލާ މަރުކަޒުތައް ކައިރީގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
އިންތިހާބުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހު އާއި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސައިގެ އިތުރުން އިދިކޮޅު ވަރުގަދަ ލީޑަރެއް ކަމަށްވާ ސަޖިތު ޕްރެމަދަސާ ވާދަކުރައްވަ އެވެ.
އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުންތައް ވަނީ ގިނަ ވައުދުތަކެއްވެ، އެ ގައުމު މިހާރު އޮތް އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ލަންކާގެ އިންތިހާބުގައި 17 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އިންތިހާބުގައި 38 ކެންޑިޑޭޓުން ރައީސް ކަމަށް ވާދަ ކުރައްވަ އެވެ.
އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާނީ މާދަމާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.










