ކްލަބް މޯލްޑިވްސް އިން ކްލަސިކްގެ ނަމުގައި މިދިޔަ އަހަރު މުޅިން އަލަށް ފެށި މުބާރާތުގައި، މި ފަހަރު ޓީމު ތަށް އިތުރެވެ. މިދިޔަ އަހަރު 24 ޓީމުގެ މެދުގައި ކުޅުނު މުބާރާތް މި ފަހަރު، 32 ޓީމަށް އިތުރުވެ، ފޯރިގަދަކޮށް ފެންނައިރު، މުބާރާތުގެ ގަދަ 16 ޓީމުގެ މެޗުތައް މިރޭ ފެށިގެންދާނެ އެވެ. އަދި މި ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް ވެސް ފެނިގެންދާނެ އެވެ.
ގަދަ 16 ބުރަށް ޓީމުތައް ދަތުރުކުރި ގޮތަށް ބަލާއިރު، ފަސް ޓީމެއް ވަނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނޮކައުޓް ބުރަށް ދަތުުރުކޮށްފަ އެވެ. އެއީ، ގްރޫޕް އޭގައި ހިމެނޭ ތައުލީމީ ގުޅުމާއި، ގްރޫޕް ބީ އިން ޓީމު ބަދަހި، ގްރޫޕް ޑީ އިން އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ، ގްރޫޕް ޖީ އިން ހުޅުމާލެ ހޮސްޕިޓަލް އަދި ގްރޫޕް އެޗް އިން އެންމެ ފަހުގެ ރަނަރަޕް، ކްލަބް 220 އެވެ.
އެ ގޮތުން، ގަދަ 16 ބުރުގައި އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗުތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓާއި ޓީމު ބަދަހިގެ މެޗު ފާހަގަކޮށްލެވެ އެވެ. އެ ގޮތުން، ކްރިމިނަލް ކޯޓަކީ މި ފަހަރުގެ މުބާރާތުގައި ގޯލެއް ނުވަދެ، ގަދަ 16 ބުރަށް ދަތުރުކުރި ހަމައެކަނި ޓީމެވެ. އަނެއްކޮޅުން، ޓީމު ބަދަހިން ވަނީ، ގްރޫޕް ސްޓޭޖު ތިން މެޗުގައި 16 ގޯލު ޖަހައިފަ އެވެ.
ކްލަބް 220 އާއި ޓީމު މާލެ ސިޓީ ކައުންސިލް ކުޅޭ މެޗު ވެސް ފޯރިގަދަވާނެ އެވެ. ރަނގަޅު ކުޅުމެއް ދައްކައިގެން، ގަދަ 16 އަށް އައި ކްލަބް ބިނާރާ އިން ކުޅިވަރު ވުޒާރާ ކްލަބާ ދެކޮޅަށް ކުޅޭ މެޗަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ އިން ނޮކައުޓް ފުރަތަމަ މެޗުގައި، ކުޅޭނީ ޓްރޭޑް ކްލަބާ އެވެ. އަދި އެމްއެމްއޭ އިން ކްލަބް އެސްޑީއެފްސީއާ ކުޅޭއިރު، މިއީ އެއް ލެވަލެއްގައި މި ފަހަރުގެ މުބާރާތުގައި ކުޅުން ތަކުރާރު ކުރަމުން އަންނަ ދެ ޓީމެވެ. ރަނގަޅު ފޯމެއްގައި އޮތް، ހުޅުމާލެ ހޮސްޕިޓަލުން އެޗްޕީއެސްއެންއާ ކުޅޭއިރު، ދެ ޓީމަކީ ވެސް ރަނގަޅު ލެވަލެއްގައި މުބާރާތުގައި ޕާފޯމް ކޮށްފައި އޮތް ޓީމުތަކެކެވެ.
ކްލަސިކްގެ ގަދަ 16 ބުރުގެ މެޗުތައް:
ސެޕްޓެމްބަރު 14:
ތައުލީމީ ގުޅުން - ޓީމު ދަރުމަވަންތަ (20:15)
ޓީމު ބަދަހި - ކްރިމިނަލް ކޯޓު (20:15)
ޓީމު ޑީޖޭއޭ - ޓްރޭޑް ކްލަބް (22:00)
ކުޅިވަރު ވުޒާރާ ކްލަބް - ކްލަބް ބިނާރާ (22:00)
ސެޕްޓެމްބަރު 15
އެމްއެމްއޭ - އެސްޑީއެފްސީ (20:15)
ޕްރެޒިޑެންޓްސް އޮފީސް - ފެހިފަހި ކްލަބް (20:15)
ހުޅުމާލެ ހޮސްޕިޓަލް - އެޗްޕީއެސްއެން (22:00)
ކްލަބް 220 - ޓީމު މާލެ ސިޓީ ކައުންސިލް (22:00)












