ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ރަނަރަޕް ކްލަބް 220 އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓްރޭޑް ކްލަބް އަތުން 4-2 އިން މޮޅުވިއިރު، ސިވިލް ކޯޓު 9-0 އިން ބަލިކޮށް، މި ފަހަރުގެ މުބާރާތް، ކްރިމިނަލް ކޯޓުން ތަފާތު ބޮޑު މޮޅަކުން ފަށައިފި އެވެ.
ގްރޫޕް އެފްގައި ހިމެނޭ ކްރިމިނަލް ކޯޓުން ރޭ ސިވިލް ކޯޓު ކޮޅަށް ލަނޑުތައް ޖެހީ ޔައިޝް މުސްތަފާ ހަތަރު ގޯލުގެ އިތުރުން، މުހައްމަދު ޝާއިފް ހެޓްރިކެއް އަދި މުހައްމަދު ޝަފްރާޒް ދެ ގޯލެވެ. މިއީ، މިހާތަނަށް މި ފަހަރުގެ ކްލަބް މޯލްޑިވްސް ކްލަސިކްގައި ފެނިގެންދިޔަ އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
އެންމެ ފަހުގެ ރަނަރަޕް، ކްލަބް 220 އިން ފުރަތަމަ މެޗުގައި، މޮޅެއް ހޯދިއިރު، އެ ޓީމުގެ މުހައްމަދު ނިޝާހު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ މައްސޫދު ޝަބީން އާއި ހުސެއިން އަހްނަފް އަލީ އެވެ. ޓްރޭޑް ކްލަބްގެ ދެ ލަނޑު ވެސް ޖެހީ، ހަސަން އަޒްވާން އެވެ.

ކްލަބް 220 ޓީމުގެ ނިޝާހު ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ރޭ ކުޅުނު، ގްރޫޕް އީގެ މެޗުން ފިނޭންސް ރެކްރިއޭޝަން ކްލަބުން ވަނީ ހިޔާ ކްލަބްގެ މައްޗަށް 5-1 އިން ކުރިހޯދައިފަ އެެވެ. މި މެޗުގައި ފިނޭންސްގެ ލަނޑުތައް ޖަހައިފައިވަނީ، އަހުމަދު އިނާދު ހެޓްރިކެއްގެ އިތުރުން، ހަސަން ނާއިފް މުހައްމަދު އަދި މުހައްމަދު ޝިފާހު އެވެ. ހިޔާ ކްލަބްގެ ހަމައެކަނި ލަނޑު ޖެހީ، އަލީ ފާރިހު މުހައްމަދު އެވެ.
ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބުން ވަނީ 6-2 އިން ދާހިލީ ކްލަބް ބަލިކޮށްފަ އެވެ. ހުޅުމާލެ ހޮސްޕިޓަލް ޓީމުގެ އަބްދުﷲ ނާސިފް ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ، ހަސަން ސޮލާހު، އަހުމަދު އިޔާޝް ޝިނާން އަދި އަހުމަދު ފުއާދު އެވެ. ދާހިލީގެ ލަނޑުތައް ޖެހީ، އަހުމަދު ޝަފްރާޒް މުހައްމަދު އާއި އަހުމަދު ޝާމިލް އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކްގެ ދެ މެޗެއް މިއަދު ހަވީރު ކުޅޭއިރު، މިރޭ ހަ މެޗެއް ކުޅެވިގެންދާނެ އެެވެ.












