ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހެލްތު ރެކްރިއޭޝަން ކްލަބްގެ މައްޗަށް 2-0 އިން ކުރިހޯދައިފި އެވެ.
ކްލަބް މޯލްޑިވްސް މުޅިން އަލަށް މިދިޔަ އަހަރު ފެށި ކްލަސިކް މުބާރާތުގެ ތަށި ހޯދި ޑީޖޭއޭ ޓީމުން ރޭގެ މެޗުގައި ފުރަތަމަ ހާފުގައި ހެލްތު ކޮޅަށް ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވީ، ހެލްތުގެ ކީޕަރު، ޝައްމޫންގެ ހުށިޔާރުކަމުންނެވެ. އޭނާ ވަނީ ގޯލާ ސީދާކޮށް ޑީޖޭއޭ އިން ފޮނުވާލި ނުވަ ބޯޅައެއް މަތަކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ޑީޖޭއޭގެ ކެޕްޓަން، ސައުދުﷲ އަހުމަދު އާއި މުހައްމަދު އަޖުވަދު ސޮލާހު ގޯލުތައް ޖަހައި އެ ޓީމު މޮޅުކޮށްދިނީ އެވެ.
މި ގްރޫޕްގެ އަނެއް މެޗުން ރޭ މޯލްޑިވްސް ޓޫރިޒަަމް ކްލަބް އަތުން މާލެ ސިޓީ ކައުންސިލް ވަނީ 7-0 އިން މޮޅުވެފަ އެވެ. ސިޓީ ކައުންސިލަަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު އަފްޒަލް އާއި އިބްރާހިމް ޝަހުދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު މާއިން، އިސްމާއިލް މުސަބް ނަޖީބު އަދި ހުސެއިން އަސީލް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ފިޝަރީސް ރެކްރިއޭޝަން ކްލަބްގެ މެޗުގެ ތެރެއިން މިނިސްޓަރު ޝިޔާމް ބޯޅަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ
ޔޫތާއި އެމްއެމްއޭ އަދި ބިނާރާ އަށް މޮޅެއް
ކްލަސިކް މުބާރާތުގައި ރޭ، ގްރޫޕް ސީގައި އެޗްޕީއެސްއެން އަތުން ކްލަބް ބިނާރާ ވަނީ 3-0 އިން މޮޅުވެފަ އެވެ. ބިނާރާ ޓީމުން މި މެޗުގައި ލަނޑުތައް ޖެހީ، އަހުމަދު ޝާމް ދެ ގޯލާއި މުހައްމަދު ޝައުޔާ އެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި، ޔޫތު ރެކްރިއޭޝަން ކްލަބުން ވަނީ ފަހަތުން އަރައި، 3-1 އިން ފިޝަރީސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފިޝަރީސްގެ ކެޕްޓަން، މިނިސްޓަރު، އަހުމަދު ޝިޔާމް ވަނީ އެ ޓީމަށް ލަނޑު ޖަހައި، ލީޑުނަގައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅެން އަރައި ޔޫތު މޮޅުވީ ތިން ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ، މުހައްމަދު ޝާފިއު ދެ ގޯލު ޖެހިއިރު، ބަދަަލަކަށް ކުޅެން އަރައި، ޖަލްވާން ސައީދު ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
ގްރޫޕް އީގައި ރައީސް އޮފީސް އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މެޗު ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ދަރުމަވަންތަ ޓީމުގެ ލަނޑުތައް ޖެހީ، ސަހުބާން ރަޝީދު ދެ ގޯލުގެ އިތުރުން، އަލީ ޔާފިއު، ރައުފް ވަހީދު އަދި އިބްރާހިމް ސޯލިހު އެވެ. ރައީސް އޮފީސް ޓީމުގެ ގޯލުތައް ޖެހީ، ހުސެއިން ނަޖީބް، އައިމަން ތައުފީގު އަދި އިބްރާހިމް ޝިފާގު އެވެ.

އެމްއެމްއޭ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
ރޭ ކުޅުނު ގްރޫޕް އެފްގެ މެޗުގައި، އެމްއެމްއޭ ސޯޝަލް ކްލަބުން ވަނީ 2-1 އިން މީރާ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގައި، އެމްއެމްއޭގެ މުހައްމަދު އައްފާން ދެ ގޯލު ޖަހާފައިވަނިކޮށް، މީރާގެ ލަނޑު ޖެހީ، އަހުމަދު އާސިމް އެވެ.
ކްލަބް މޯލްޑިވްސް ކްލަސިކްގައި މިރޭ ހަތަރު މެޗެއް ކުޅޭއިރު، ދެން ކުޅޭނީ އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ ދެ މެޗެވެ.












