ހާޖަރާގޭ މުހައްމަދު ތައުފީގުގެ ހަނދާނަށް ޝަރަފުގެ ގައުމީ އިނާމު އަރުވައިފި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރެއްވި އަލް މަރުހޫމް މުހައްމަދު ތައުފީގު -- ފޮޓޯ: ރައީސް އޮފީސް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރެއްވި އަލް މަރުހޫމް މުހައްމަދު ތައުފީގު -- ފޮޓޯ: ރައީސް އޮފީސް

ހުސައިން ސަލާހުއްދީން ލިޔުއްވި ސިޔަރަތު އެ ބޭފުޅެއްގެ އަޑުން ވިދާޅުވެފައިވާ ހ. ހާޖަރާގޭ، އަލް މަރުހޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް ދެމި ހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި އެެވެ.

ތައުފީގުގެ ހަނދާނަށް ޝަރަފުގެ އިނާމު އަރުވާފައި ވަނީ މިއަދު ކުރިއަށްދިޔަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. 1974 އިން ފެށިގެން އެންމެ އަހަރެއް ފިޔަވައި ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ތައުފީގުގެ އަޑުން ސިޔަރަތު ރޭޑިއޯއިން ގެނެސްދެ އެވެ.

ތައުފީގުގެ އަޑުން އެންމެ ފުރަތަމަ ސިޔަރަތު ރިކޯޑު ކުރީ 1974 ވަނަ އަހަރު އެވެ. ދެވަނަ ރިކޯޑިންއެއް 1983 ވަނަ އަހަރު ކުރިއިރު، އެންމެ ފަހުގެ ރިކޯޑިން ރިކޯޑު ކޮށްފައި ވަނީ މީގެ 30 އަހަރު ކުރިން، 1994 ވަނަ އަހަރު އެވެ. އެއީ ތައުފީގު އަވަހާރަވުމުގެ އެއް އަހަރު ކުރި އެވެ.

ތައުފީގަކީ ވަރަށް ރީތިކޮށް މަދަހަ އާއި ލަވަ ވެސް ވިދާޅުވާ ބޭފުޅެކެވެ. އެގޮތުން "އޭ ސާހިބާ، އޭ ސާހިބާ" މަދަހަ އާއި "މެރޭ ލޯ ދެކޭ ހޫނާ" ފަދަ ލަވަތައް ފާހަގަކޮށްލެވެ އެވެ. އޭނާއަކީ 33 އަހަރުވަންދެން ދައުލަތަށް ވެސް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ.

ތައުފީގުގެ އިތުރުން ދެން ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވީ ސިއްހީ ދާއިރާއިން ޑރ. އަބްދުލްއަޒީޒް ޔޫސުފް އަށެވެ. ލ. ގަމަށް އުފަން އަބްދުލްއަޒީޒްއަކީ 1985 ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާއިން ހިދުމަތް ކުރެއްވުމުގައި މިއަދާ ހަމައަށް ވެސް ހުންނެވި ބޭފުޅެކެވެ.

1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި މަގުމައްޗަށް ބޭހާއި އައިވީ ފްލުއިޑާއި ބެންޑޭޖު އަމިއްލަ ކުލިނިކުން ނެރެގެން އެ ދުވަހު ޒަހަމުވި މީހުންނަށް ފަރުވާ ދެއްވުމުގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ހަރަކާތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

އޭގެފަހުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާ އާ ގުޅިގެން ޗީފް މެޑިކަލް ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ވެސް އަބްދުލްއަޒީޒް އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރި އެރުވުމުގައި އެކި މަގާމުތައް ފުރުއްވުމުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެގްޒެކެޓިވް ބޯޑު މެންބަރުކަމާއި ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާގެ އެޑްވައިޒަރީ ކޮމިޓީ އޮފް ހެލްތު ރިސާޗްގެ މެންބަރު ކަމާއި ޑަބްލިއުއެޗްއޯގެ ސްޓާފް ޕެންޝަން ކޮމިޓީގެ މެންބަރުކަން އަބްދުލްއަޒީޒް ކުރެއްވި އެވެ.

އަދި، ގްލޯބަލް ފަންޑު ފޯ އެޗްއައިވީ، ޓީބީ، މެލޭރިއާ ބޯޑުގެ މެންބަރުކަމާއި ކޮމަންވެލްތު އެޑްވައިޒަރީ ކޮމިޓީ އޮން ހެލްތުގެ މެންބަރުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ މ. ހުސްނޫ މޫސާ ލަތީފް އަށެވެ.

1987 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެވަޑައިގެންނެވި މޫސާ ލަތީފްއަކީ ނޫސްވެރިކަމުގައި ހިމެނޭ މައިގަނޑު ހުރިހާ ވައްޓަފާޅިއެއްގެ ލިޔުންތައް ވެސް ލިޔުއްވާ ބޭފުޅެކެވެ. މޫސައަކީ ދިވެހި ނޫސްވެރިކަމުގެ ތެރެއަށް ފީޗާ ނިއުސް އާއި ފީޗާ ރިޕޯޓު އަދި ޕްރޮފައިލް އާއި ތަހުގީގީ ރިޕޯޓު ތައާރަފު ކުރި ނޫސްވެރިންގެ ތެރެއިން އެކަކެވެ.

ނޫސްވެރިކަމާ ގުޅޭ ވޯކްޝޮޕެއްގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ --
ނޫސްވެރިކަމާ ގުޅޭ ވޯކްޝޮޕެއްގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ --

ނޫސްވެރިކަމާ ގުޅޭ ވޯކްޝޮޕެއްގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ --

މޫސަ ވަނީ ހަވީރު ނޫހާއި މިހާރު ނޫހުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. މިވަގުތު މޫސަ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދައުރު ނޫހުގެ އެޑިޓަރެވެ.

މޫސާ ލަތީފްއަށް ވަނީ ނޫސްވެރިކަމުގެ ރޮނދުން 2001 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ މުހައްމަދު މާޖިދު އަށެވެ.

އުމުރުން އެންމެ 15 އަހަރުގައި ވަޒީފާގެ މައިދާނަށް ނުކުމެވަޑައިގެންނެވި މާޖިދު އަކީ ޖާޔާ ކުޝަންގެ ބާނީ އެވެ.

މާޖިދު އަކީ ސަތަރި ފެހުމާއި ދޮރުފޮތި ފެހުމާއި ސަފާރީ ބޯޓުފަހަރާއި ލޯންޗުފަހަރުގެ ސީޓުތައް ހެދުމާއި ސޯފާ ގޮނޑު ހެދުމާއި މިސްކިތްތަކަށް ދޫލައަޅަން ބޭނުންވާ ގޮތަށް ތައްޔާރު ކޮށްދެއްވުމުގައި 38 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ.

މާޖިދުއަށް ވަނީ 2012 ވަނަ އަހަރު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރި ކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.

ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ ކުޅިވަރު ދަނޑުގައި "ދޮނާ" ގެ ނަމުން މަޝްހޫރު އަހުމަދު މުހައްމަދު އަށެވެ.

މަޝްހޫރު ފުޓުބޯޅަ ކުލަބު، ވެލެންސިއާ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ދޮނާ އަކީ ފުޓުބޯޅައިގެ އިތުރުން ބާސްކެޓު ބޯޅައިގައި ވެސް ވިދާޅި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 1979 ވަނަ އަހަރު ރާއްޖޭގެ ގައުމީ ބާސްކެޓުބޯޅަ ޓީމުގެ ވައިސް ކެޕްޓަނުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެން ލިބިވަޑައިގެންނެވީ މުހައްމަދު ނާސިރު އަށެވެ.

ފުޓުބޯޅަ އާއި ޓީޓީ އާއި ކްރިކެޓާއި ހޮކީގެ އިތުރުން ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓެނިސް އާއި ބާސްކެޓުގެ އިތުރުން ބައިސްކަލު ރޭސްތަކުން ނާސިރު ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފަ އެވެ.

ކްލަބް ލެގޫންސްގެ މަސްއޫލުވެރިޔާ، ނާސިރުއަކީ ގިނަ ދުވަސްތަކެއް ވަންދެން ރެފްރީކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން 2006 ވަނަ އަހަރު ވަނީ ނާސިރުއަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox