ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ އިހްތިފާލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ.
ގައުމީ ދުވަހާ ގުޅިގެން ގައުމީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ދުވަހާއި ގުޅޭ ދުއާއެއް ކުރި އެވެ. އަދި ރަސްމިއްޔާތު ނިންމައިލީ ގައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ގައުމީ ދުވަހު މި ރަސްމިއްޔާތު ބާއްވަ އެވެ.
ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދާއި މާދަމާ ސަރުކާރު ބަންދެވެ.












