ކްލަބް މޯލްޑިވްސް މުބާރާތްތައް މި އަހަރު ފެއްޓުމުގެ ގޮތުން ކުޅޭ ކިންގްސް ކަޕް މެޗުގައި، ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ ޓީމަށް ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކްލަބް މޯލްޑިވްސް މުބާރާތްތައް ފެށުމުގެ ގޮތުން ކުޅޭ ކިންގްސް ކަޕް އޮންނާނީ އާދިއްތަ ދުވަހުގެރޭގަ އެވެ. އެ މެޗުގައި، ވެމްކޯ ބައްދަލުކުރާނީ، ރިސޯޓް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ޖޯލި މޯލްޑިވްސްއާ އެވެ.
ކްލަބް ވެމްކޯ އިން ބުނީ، ކިންގްސް ކަޕްގެ މެޗުގައި ދަގަނޑޭ އެ ޓީމަށް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން، އެ ޓީމު ލީޑުކުރާނީ ވެސް ދަގަނޑޭ ކަމަށް ވެމްކޯ އިން ވަނީ އިއުލާނުކޮށްފަ އެވެ.
ދަގަނޑޭ ވަނީ މީގެ ކުރިން، ކްލަބް މޯލްޑިވްސް ކަޕްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ކުޅެފަ އެވެ.
ކްލަބް މޯލްޑިވްސް މި އަހަރު ބާއްވާ ތިން މުބާރާތަކީ ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެވެ. ކްލަބް މޯލްޑިވްސް މުބާރާތްތައް ފަށާނީ އާދިއްތަ ދުވަހުގެރޭ ރިސޯޓް ލީގު ޗެމްޕިއަނުން، ޖޯލި ބީން އާއި މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަން، ވެމްކޯ އިން ކުޅޭ ކިންގްސް ކަޕް މެޗުންނެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ފަށާނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕް ފަށަން ތާވަލުކޮށްފައިވަނީ، ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.












