ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު ފެނަކަ މި ފަހަރުގެ މުބާރާތްތަކުން ނުފެނުނު ކަމުގައި ވިޔަސް، 67 ޓީމު މި އަހަރުގެ ތިން މުބާރާތުގައި ވާދަކުރާނެ ކަމަށް ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދީފި އެވެ.
ކްލަބް މޯލްޑިވްސް މުބާރާތްތަކުގައި ފެނަކައިގެ ކާމިޔާބީތަކަށް ބަލާއިރު، ފެނަކަ އިން ވަނީ 2022 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ، 2017 އާއި 2023 ވަނަ އަހަރު ކާމިޔާބު ކުރީ ފެނަކަ އިންނެވެ.
ކްލަބް މޯލްޑިވްސް އިން ބުނީ، މި ފަހަރުގެ މުބާރާތް އިއުލާނުކުރިއިރު، ވެސް ފެނަކައިގެ މެނޭޖްމަންޓުން އަންގާފައި އޮތީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މި ފަހަރުގެ މުބާރާތުގައި ނުފެންނާނެ ކަމަށެވެ.
ކްލަބް މޯލްޑިވްސް އިން މި ފަހަރު ހަތަރު މުބާރާތް ކުރިއަށްދާނެ އެވެ. އެއީ، ރިސޯޓް ލީގުގެ ޗެމްޕިއަން، ޖޯލި ބީން އާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން، ކްލަބް ވެމްކޯ ކުޅޭ، ކިންގްސް ކަޕް، ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެވެ.
މި ފަހަރުގެ މުބާރާތްތައް ރޭވިފައިވާ ފޯމެޓަށް ބަލާއިރު، ކްލަބް މޯލްޑިވްސް ކަޕް ކުޅޭނީ 28 ޓީމު ހަތް ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ގަދަ 16 ބުރަށް ދާއިރު، އަނެއް ދެ ޖާގަ ލިބޭނީ ހަތް ގްރޫޕްގެ ތިން ވަނަ ޓީމުގެ ތެރެއިން، އެންމެ ރޭންކިން ރަނގަޅު، ދެ ޓީމަކަށެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް ކުރިއަށްދާނީ 32 ޓީމު އަށް ގްރޫޕަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު، ނޮކައުޓް ބުރަށް ދާ ގޮތަށެވެ.
އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގައި ހަތް ޓީމު ބައިވެރިވެފައިވާއިރު، އެ ހަތް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެ ގޮތުން، ތިން ޓީމު ހިމެނޭ ގްރޫޕްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭނެ އެވެ.
ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މި ފަހަރު ވެސް "އަދަދު ސްޕޯޓްސް" އެވެ. އަދި މުބާރާތްތަކުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ، މީޑިއާނެޓްގެ އައިސް ނެޓްވޯކް އެވެ. މުބާރާތުގެ މެޗުތައް ފެންނާނީ އައިސްގެ ޗެނަލްތަކުންނެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، އަލުން ފަށައި ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.












