ފެކްޓު ޗެކް: ރައީސް ހެއްދެވީ އިތުރުފުޅެއް؛ ބީއެމްއެލް ބޯޑުގެ މެޖޯރިޓީ މިހާރުވެސް އަދި އަބަދުވެސް އޮންނަނީ ސަރުކާރަށް

ޕީއެންސީ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ. ބީއެމްއެލްގެ ބޯޑުން ނިންމި ނިންމުމަކީ އެއީ ބަގާވާތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- ފޮޓޯ: ޕީއެންސީ

ޕީއެންސީ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ. ބީއެމްއެލްގެ ބޯޑުން ނިންމި ނިންމުމަކީ އެއީ ބަގާވާތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- ފޮޓޯ: ޕީއެންސީ

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން ނިންމި ޑިރެކްޓަރުން ބޯޑުގައި ސަރުކާރުގެ މެޖޯރިޓީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) ގެ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބީއެމްއެލްގެ ބޯޑުން ގެންނަން އުޅުނީ ބަގާވާތެއް ކަމަށެވެ. އަދި އެ ނިންމުން ބޭންކުގެ ބޯޑުން ނިންމީ އެގޮތަށް އަމަލު ނުކުރަން އިރުޝާދު ދެއްވަމުން ދަނިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިއްޔެގައި [އާދީއްތަ ދުވަހު] އެ ނެރުނު ނިންމުން ނެރެން އުޅޭކަން އެނގުނު ހިސާބުން އަޅުގަނޑު ދިޔައީ, ޕާސަނަލީ އަޅުގަނޑު ދިޔައީ ވަރަށް ގިނަ މަސައްކަތް ކުރަމުން އަދި ކަމާގުޅޭ ވަޒީރުން ވެސް، އެހެން ނަމަވެސް ހަމަ އަޅުގަނޑު ދަންނަވަމުންދިޔަ އެއްވެސް ވާހަކައެއް އަޑުނާހައި އިއްޔެ [އާދީއްތަ ދުވަހު] އެ ނިންމުން ނެރެފައި އެއޮތީ،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

ސަރުކާރުގެ 62.2 ޕަސެންޓު ހިއްސާ އޮންނަ ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީއެއް އަދި، ނެތް ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ. ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަނު ކޮށްފައި މިހާރު ތިބީ އެންމެ ހަތަރު މެންބަރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން މިއީ ވަރަށް މީހުން ސުވާލު އުފެދިދާނެ ކަމެއް، ސަރުކާރުގެ ބޭންކޭ، ދިވެހިންގެ ބޭންކު، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނައިރު ކިހިނެއްހޭ ތިވީ، އެތަނުގައި ތިބީ އަދި، ސަރުކާރުގެ ހަތަރު ޑިރެކްޓަރުން، ދެން ތިބި ފަސް މީހުންނަކީ ސަރުކާރު ޑިރެކްޓަރުންނެއް ނޫން، އެހެންވީމަ އަދި ނެތް މެޖޯރިޓީއެއް، އަޅުގަނޑުމެންގެ ދެ ޑިރެކްޓަރުންގެ ނަން ފޮނުވައިގެން އަދި އެ ބޭފުޅުން އެ އޮންނަ ޕްރޮސީޖާއެއްގެ ތެރެއިން އަދި ދެތިން ހަފުތާ ވާނެ އެމީހުން އައްޔަން ކުރަން،" ރައީސް ވިދާޅުވި އެވެ.

"ޗެއާމަން ވެސް އައްޔަނު ނުކުރެވޭ، ނަން ފޮނުވާފައި އޮންނާނީ، ޗެއާމަން ވެސް އައްޔަނު ނުކުރޭ، އެހެންވީމަ އަޅުގަނޑުމެންގެ މެޖޯރިޓީއެއް ނެތް އެތަނުގައެއް."

ރައީސް އެހެން ވިދާޅުވި ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ދެ ފަހަރެއްގެ މަތިން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވެ އެވެ. ފުރަތަމަ ބަދަލު ގެނައީ މިއަހަރުގެ ޖެނުއަރީ 25، ގަ އެވެ. ދެވަނަ ފަހަރަށް ބީއެމްއެލްގެ ބޯޑަށް ބަދަލު ގެނައީ މެއި 28، ގަ އެވެ.

ބީއެމްއެލްގެ ބޯޑުގައި ތިއްބަވަނީ ސަރުކާރުގެ ފަރާތުން އައްޔަނު ކުރާ ހަތް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރާ ތިން ޑިރެކްޓަރުންގެ އިތުރުން ސަރުކާރުން ނަން ހުށަހަޅައިގެން އައްޔަނު ކުރާ މިނިވަން މުސްތަގިއްލު އެއް ޑިރެކްޓަރެވެ.

ބީއެމްއެލްގެ ބޯޑުގައި މިވަގުތު މިނިވަން މުސްތަގިއްލު ޑިރެކްޓަރަކު ނުހުންނަވަ އެވެ.

ފުރަތަމަ ފަހަރަށް ބޯޑަށް ބަދަލު ގެނައުން

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިިއްބެވީ މިދިޔަ އަހަރުގެ މެއި 30، ގައި އޭރުގެ ސަރުކާރުން ނޮމިނޭޓު ކޮށްގެން އައްޔަނު ކޮށްފައި ތިއްބެވި ހަތް މެންބަރުންނާއި އަމިއްލަ ތިން މެންބަރުންނެވެ.

އެ ބޯޑަށް މި ސަރުކާރުން ފުރަތަމަ ބަދަލު ގެނައީ މިއަހަރުގެ ކުރީކޮޅު އެވެ. ބީއެމްއެލްގެ ބޯޑުގައި އޭރު ތިއްބެވި 10 މެންބަރުންގެ ތެރެއިން އެމްޑީޕީ ސަރުކާރުން އައްޔަނު ކޮށްފައި ތިބި ހަތް ޑިރެކްޓަރުންގެ ތެރެއިން ފަސް މެންބަރަކު ވަކި ކުރަން ސަރުކާރުން ނިންމީ ޖެނުއަރީ 25، 2024 ގަ އެވެ.

އެ ނިންމުން ސަރުކާރުން ނިންމީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރު ލިމިޓު ފެބްރުއަރީ މަހުން ފެށިގެން 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ބޭންކުން އެއްބާރުލުން ނުދީގެންނެވެ.

އެދުވަހު ވަކި ކުރަން ސަރުކާރުން ނިންމީ ބީއެމްއެލްގެ ޗެއާމަންގެ މަގާމުގައި އޭރު ހުންނެވި ޔޫޝައު ސައީދު އާއި އަބްދުﷲ ހަސަން އާއި އަބްދުﷲ ހުޝާމް ޝަރީފް ގެ އިތުރުން އާއިޝަތު ސަޖިނީ އަދި ޖުވައިރިއްޔާ ސައީދެވެ.

ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ބީއެމްއެލް ބޯޑުގެ ގާނޫނީ އަދަދު ގެއްލި އެއްވެސް ނިންމުމެއް ނުނިންމޭ ހާލަތަށް ވެސް ދިޔަ އެވެ. ބޭންކުގެ އަސާސީ ގަވާއިދުގައި ވާގޮތުން ކުއްލި ހާލަތެއްގައި މެނުވީ އެއްވެސް ފިޔަވަޅެއް އެޅޭނީ ބޯޑުގައި މަދުވެގެން އަށް ޑިރެކްޓަރުން ތިބެގެންނެވެ.

އެ ސަބަބާހުރެ ވަކިކުރި ފަސް ޑިރެކްޓަރުންގެ ތެރެއިން އަބްދުﷲ ހަސަން އާއި އައިޝަތު ސަޖިނީ ބީއެމްއެލްގެ ބޯޑަށް އަލުން އައްޔަނު ކުރަން ޖެނުއަރީ 27، 2024 ގައި ސަރުކާރުން ނިންމި އެވެ.

ބީއެމްއެލްގެ ބޯޑުން ވަކިކުރި މެންބަރުންގެ ބަދަލުގައި އައު މެންބަރުން އައްޔަނު ކުރުމަށް އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ނިންމާފައިވާކަން ބީއެމްއެލުން މާޗު 6، 2024، ގައި އިއުލާނު ކުރި އެވެ.

އެ އިއުލާނާ އެއްގޮތަށް މާޗު 25، 2024، ގެ ރޭ 9:00 ގައި ބޭއްވި އީޖީއެމްގައި ފާސްކުރީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަސަން ޒަރީރު އިންތިހާބު ކުރަން އަދި ޑިރެކްޓަރެއްގެ ގޮތުގައި އަލީ ފާރިސް އައްޔަން ކުރަންށެވެ.

އެ ދުވަހުން ފެށިގެން މިދިޔަ މެއި މަހު އޮތް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއާ ހަމައަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވީ:

  1. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު)
  2. އައިޝަތު ނޫރައްދީން
  3. ހަސަން ޒަރީރު
  4. ޖުވައިރިޔާ ސައީދު
  5. އަބްދުﷲ ހަސަން
  6. އައިޝަތު ސަޖްނީ
  7. އަލީ ފާރިސް މުހައްމަދު
  8. އިބްރާހީމް މުހައްމަދު
  9. އަޙްމަދު މުހައްމަދު
  10. އަބްދުلله ނަސީމް

ބީއެމްއެލްގެ އީޖީއެމްގައި ޗެއާޕާސަންގެ މަގާމަށް އައްޔަނު ކުރި ހަސަން ޒަރީރު ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމުން، އޭނާ ވަނީ މެއި 23، 2024 ގައި އިސްތިއުފާ ދެއްވައިފަ އެވެ.

މެއި މަހު އޮތް އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޗެއާމަނެއް އައްޔަނު ނުކުރެވުނީ، ޒަރީރު އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މި އަހަރަށް އައްޔަނު ކުރަން ސަރުކާރުން ބޭނުންވާ މީހުންގެ ނޮމިނޭޝަން ލިސްޓު އޭރު ޒަރީރުގެ ނަން ވެސް ހިމަނައިގެން ފޮނުވާފައި އޮތުމުންނެވެ.

ދެވަނަ ފަހަރަށް ބޯޑަށް ބަދަލުގެނައުން

ފެންނާން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިބި އަށް ޑިރެކްޓަރުންގެ ތެރެއިން ފަސް ޑިރެކްޓަރުންނަކީ މި ސަރުކާރުން ނަން ފޮނުވައިގެން މެއި 28، 2024 ގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށް އައްޔަނު ކޮށްފައި ތިބި ބޭފުޅުންނެވެ.

މެއި 28، ގައި އޮތް އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަނު ކުރުމަށް ހުށަހެޅީ ހަ ބޭފުޅުންގެ ނަމެވެ. އެ ހުރިހާ ޑިރެކްޓަރުން ވެސް ސަރުކާރުން އެދުނު ގޮތަށް ބޯޑަށް އައްޔަނު ކުރަން އެ ޖަލްސާގައި ބައިވެރިވި 101 ހިއްސާދާރުން (3،153،210 ހިއްސާ ތަމްސީލު ކުރައްވާ) ގެ އަގުލަބިއްޔަތުން ފާސްކުރި އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އައްޔަނު ކުރަން ހުށަހެޅި ބޭފުޅުންނާއި ލިބުނު ވޯޓުގެ ނަތީޖާ:

  1. ކާލް ސްޓުމްކަ - 3،027،076 ވޯޓު
  2. އައިޝަތު ނޫރައްދީން - 3،029،467 ވޯޓު
  3. އައިޝަތު ސަޖްނީ - 3،028،720 ވޯޓު
  4. އަލީ ފާރިޝް މުހައްމަދު - 3،026،804 ވޯޓު
  5. އާދިލް މޫސާ - 3،026،887 ވޯޓު
  6. މަރިޔަމް ސުޒީ އާދަމް - 3،027،130 ވޯޓު

މީގެ ތެރެއިން ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކަ އާއި އައިޝަތު ނޫރައްދީން އާއި އައިޝަތު ސަޖްނީގެ އިތުރުން އަލީ ފާރިޝް މުހައްމަދަކީ އެ ބައްދަލުވުމާ ހަމައަށް އައިއިރު ވެސް ބީއެމްއެލް ބޯޑުގެ މެންބަރުންނެވެ.

ބީއެމްއެލްގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ އަމިއްލަ ހިއްސާދާރުންގެ ފަރާތުން އައްޔަނު ކުރަން ފާސްކުރި ތިން ޑިރެކްޓަރުންނެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ އަދަދު އަށަކަށް މަދުވީ އެ ބޯޑުގައި ހިމެނިވަޑައިގެންނެވި އައިޝަތު ނޫރައްދީން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox