ކްލަބް މޯލްޑިވްސް އިން މި އަހަރު ބާއްވާ މުބާރާތްތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ހަމަޖައްސައިފި އެވެ.
ކްލަބް މޯލްޑިވްސްގެ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފް ވިދާޅުވީ ޖެހިޖެހިގެން ތިން ވަނަ އަހަރު އަދަދުއާ އެކު ކްލަބް މޯލްޑިވްސް އިން ޕާޓްނާޝިޕް ހެދި އެންމެ ބޮޑު ސަބަބަކީ "އަދަދު ސްޕޯޓްސް"ގެ ކުޅިވަރު ކަވަރޭޖް ރަނގަޅުވުން ކަމަށެވެ.
"އެހެން ނޫސްތަކާ އަޅާކިޔާއިރު އަޅުގަނޑަށް ފެންނަނީ މާ ރަނގަޅަށް ކުޅިވަރުގެ ހަބަރުތައް އަދަދު ނޫހުން ކަވާކޮށް، އެ ދޭންވާ އެކްސްޕޯޝާ ލިބޭ ނޫހެއްގެ ގޮތުގައި، އެ ގޮތުން ހަމަ އަޅުގަނޑުމެން ފިއުޗާގައި ވެސް ކުރިއަށްދާން ގަސްދުކުރަން، އަދަދުގެ ހާއްސަކޮށް ސްޕޯޓްސް ޖާނަލިސްޓުން އެ ކުރާ މަސައްކަތަށާއި އެ މީހުންގެ ފޮޓޯތަކަށާއި އެ މީހުން ކްލަބް މޯލްޑިވްސްގެ އެކްސްޕޯޝާ އަށް އެ ދޭ އެއްބާރުލުމާ އެއީ ކްލަބް މޯލްޑިވްސް އިން ރުހި ގަބޫލުކުރާ ކަމެއް،" އަޝްރަފް ވިދާޅުވި އެވެ.
ކްލަބް މޯލްޑިވްސް އިން މި އަހަރު ބާއްވާ މުބާރާތްތަކީ، ކްލަބް މޯލްޑިވްސް ކަޕް، ކިންގްސް ކަޕް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެވެ.
އަންނަ މަހު އެއް ވަނަ ދުވަހު، ކްލަބް މޯލްޑިވްސް މުބާރާތްތައް ފެށުމުގެ ގޮތުން އޮންނާނީ، ކްލަބް މޯލްޑިވްސްގެ ޗެމްޕިއަން، ކްލަބް ވެމްކޯ އާއި ރިސޯޓް ލީގުގެ ޗެމްޕިއަން، ޖޯލި ބީން ބައްދަލުކުރާ ކިންގްސް ކަޕް މެޗެވެ. އޭގެ ފަހުން، ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ ފަށާނެ އެވެ. ކްލަބް މޯލްޑިވްސް ކަޕް އޮންނާނީ، ފުރަތަމަ ދެ މުބާރާތް ނިމުމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ވެސް ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ.












