ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2024" ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި އެކަމަށް ޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ އެކްސްޕޯ ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ. ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
"މިއީ ވަރަށް މުހިންމު އެކްސްޕޯއެއް. އެކްސްޕޯއިން ރަނގަޅު ފުރުސަތުތަކެއް ރިއަލް އެސްޓޭޓާއި ހައުސިން އަދި ބިލްޑިންގެ ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ،" ޑރ. ހައިދަރު ވިދާޅުވި އެވެ.
މި އެކްސްޕޯއިން އިންވެސްޓްމަންޓުތަކަށް ދޮރުތައް ހުޅުވި، ރިއަލް އެސްޓޭޓާ ގުޅޭ ފަހުގެ މައުލޫމާތާއި، ކޮންސްޓްރަކްޝަން އަދި ހޯމް ލިވިންއާއި ލައިފް ސްޓައިލާ ބެހޭ މައުލޫމާތުތައް ލިބިގެންދާނެ އެވެ.
އެކްސްޕޯގެ ކޯ ސްޕޮންސަރުންނަށް ސޮއިކޮށްފައި ވަނީ ރިއަލް ސްޓޭޓުގެ މަޝްހޫރު ޓާޓާ ހައުސިންއާއި ބޭފޭންސީ އަދި ހައިއެންޑް ފާނީޗާ އެވެ.
އެކްސްޕޯގައި އެޗްޑީއެފްސީ، އެމްއައިބީ، އުރީދޫ، ހައިއެންޑް އަދި ރެއިންބޯގެ އިތުރުން އެހެން ކުންފުނިތަކުގެ ސްޓޯލްތައް ވެސް ހުންނާނެ އެވެ.
މީގެއިތުރުން އެކްސްޕޯއިން ލަގްޒަރީ ފަރުނީޗަރުތަކާ ބެހޭ މައުލޫމާތާއި ގެ ޒީނަތްތެރި ކުރުމަށް އެކި އައިޑިއާސްތަކާއި ފައިނޭންސިން އޮޕްޝަންތަކާ ބެހޭ މައުލޫމާތު ވެސް ދޭނެ އެވެ.











