ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކި ހިދުމަތްތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ގަޑިއިރުތަކަށްފަހު ހައްލުކޮށް އަނބުރާ ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި މޯބައިލް އެޕަށް ރެއިން ފެށިގެން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހިދުމަތް ދިނުމުގައި ދަތިތައް ދިމާވެ، އެ މައްސަލަ އެއްކޮށް ހައްލުކުރެވުނީ މިއަދު ހަވީރެވެ.
"އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިންގެ ހިދުމަތްތައް މިހާރު ލިބޭނެ. ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތާއި ޕީއޯއެސް މެޝިންތަކާއި ޕްރިޕެއިޑް އަދި ކްރެޑިޓް ކާޑުގެ ހިދުމަތްތައް ވެސް މެންދުރު މެދުކެނޑުނެވެ. ނަމަވެސް ހަވީރު އެ ހިދުމަތްތައް ވެސް އަލުން ދޭން ވަނީ ފަށާފަ އެވެ.
ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައެއް ބީއެމްއެލްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ބީއެމްއެލްގެ ހިދުމަތްތަކަށް ފަހަކަށް އައިސް މައްސަލަތައް އަންނަނީ ދިމާވަމުންނެވެ. ނަމަވެސް ބޭންކުން އަންނަނީ މައްސަލަތައް ދިމާވުމުން އެކަން ހައްލު ކުރަމުންނެވެ.











