ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާކުރި މީހުން މެރި މައްސަލަތައް ބަލާނެ ކަމަށް އެ ގައުމުގެ އާމީ ޗީފު ވާކިރުއްޒަމާނު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމާ މުހާތަބު ކުރައްވާ ވާކިރުއްޒަމާނު ވިދާޅުވީ ފާއިތުވެދިޔަ ހަފްތާތަކުގައި ގައުމުގައި މީހުން މެރި މައްސަލަ ތަހުގީގުކޮށް، މަރުވި އެންމެންނަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.
"ކޮންމެ މަރަކަށް އިންސާފު ހޯދައިދޭނަން. މުޒާހަރާތަކުގައި ހިނގައިދިޔަ ގާނޫނާ ހިލާފު ކަންކަން ފުރިހަމައަށް ތަހުގީގުކުރާނަން،" ވާކިރުއްޒަމާނު ވިދާޅުވި އެވެ.

އަސްކަރިއްޔާއާ މަޝްވަރާކުރަން ބޮޑެތި ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާކަން ފާހަގަކުރައްވާ ވާކިރުއްޒަމާނު ވިދާޅުވީ މިވަގުތު ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި މަޝްވަރާކޮށްގެން ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރާނެ ކަމަށެވެ.
ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި ސަރުކާރު ހިންގާ ޕާޓީއާ ދެމެދު ހަމަނުޖެހުންތައް ހިންގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. ނަމަވެސް އެ އަދަދު އިތުރު ވާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބަންގްލަދޭޝްގައި މުޒާހަރާތައް ފެށުނީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާއާ ގުޅިގެންނެވެ. ނަމަވެސް ފަހުން މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ޑިމާންޑު ކުރަމުންދިޔައީ ހަސީނާ އިސްތިއުފާ ދިނުމަށެވެ.










